ހަރުކަށި ފިކުރުގެ މީހުން ރާއްޖޭގައި ހިންގާ އަމަލުތައް ހުއްޓުވަން ކުރާ މަސައްކަތް ހަރުދަނާ ކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލަ ކުށްވެރިކުރައްވައި ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި އިންތިޒާމުވެގެން ހިންގާ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ކުރާ މަސައްކަތް މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރަން ޖެހޭ ކަމަށެވެ.
"ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހުއަށް މިއަދު ދިން ނުރައްކާތެރި ހަމަލާ އިންތިހާއަށް ކުށްވެރިކުރަން. ރާއްޖޭގަ އިންތިޒާމުވެގެން ހިންގާ ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވުމަށް ކުރާ މަސައްކަތް މާބޮޑަށް ހަރުދަނާވެ އިތުބާރު ހިފެންޖެހޭ،" ނަޝީދު ވިދާޅުވިއެވެ.
އަލީ ސޯލިހަށް ހަމަލާދޭ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ އަލީ ސޯލިހު ދުއްވަން އިން ސައިކަލުގެ މައްޗަށް މީހަކު ހުއްޓި އޭނާގެ ގައިގައި ކުރަފަތި އަޅަން މަސައްކަތްކުރާ ތަނެވެ. ނަމަވެސް އަލީ ސޯލިހު، އޭނާގެ އަތުގައި ހިފަހައްޓައި "އޭ އޭ" ގޮވާފައި އަތް ހުރާލާ މަންޒަރު ފެނެއެވެ. އަތް ހޫރާލުމަށްފަހު ސައިކަލު ދުއްވާލަން އަލީ ސޯލިހު މަސައްކަތްކުރާ ތަނުން އެމީހާ ސައިކަލުގެ އަރިމައްޗަށް ގޮސް އަލީ ސޯލިހުގެ ކަރަށް ހަމަލާދިނުމަށް މަސައްކަތް ކުރެއެވެ. ހަތަރު ވަރަކަށް ފަހަރު އެމީހާ ވަނީ އަލީ ސޯލިހުގެ ކަރަށް ހަމަލާ ދިނުމަށް މަސައްކަތްކޮށްފައެވެ.
އެއަށްފަހު ފެންނަނީ އަލީ ސޯލިހު ހަމަލާއިން ސަލަމާތްވާން ސައިކަލުން ފައިބައިގެން ދުއްވައި ގަންނަ މަންޒަރެވެ. އެއިރު އަލީ ސޯލިހުގެ އަތް ވަނީ ކޮންމެވެސް ވަރަކަށް ޒަހަމްވެފައެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އަލީ ސޯލިހަށް ހަމަލާދިން ކަމަށް ތުހުމަތުވާ މީހާއަކީ މީގެ ކުރިން ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކޮށް މިސްކިތުގެ ހުރުމަތް ކެނޑޭގޮތަށް އަމަލުކުރި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެކެވެ. އެފަހަރު ފުލުހުން އޭނާ ދޫކޮށްލުމަށްފަހު ބުނެފައިވަނީ، އެއީ ނަފުސާނީ މައްސަލަ ހުންނަ މީހެއް ކަމަށެވެ.
އަލީ ސޯލިހު "ވަން" އަށް މިއަދު ވިދާޅުވީ އޭނާއަށް ހަމަލާ ދިނީ ސައިކަލެއްގައި އައި މީހެއް ކަމަށާއި އޭނާ ކަޓަރު އަޅަން މަސައްކަތްކުރީ ފަހަތުން ކަރުގައި ކަމަށެވެ. ނަމަވެސް ކަޓަރު ނެގުމާއެކު ސައިކަލު ދުއްވާލުމުން ކަޓަރު އެޅުނީ ވާތް ފަރާތު އަތުގައާއި ބުރަކަށީގައި ކަމަށާއި ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެމީހާ ވަނީ މީގެ ދެ ރޭ ކުރިން ފުލުހުންނާ މަގުމަތިން ދިމާކޮށް މަރާލާނެ ކަމަށް އިންޒާރުދީފައެވެ. އަލީ ސޯލިހަށް ހަމަލާދިން މައްސަލައިގައި ފުލުހުން އެމީހާ ހައްޔަރުކުރާ ވީޑިއޯ ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ތިން ފުލުހަކު ވެގެން އޭނާ ހައްޔަރުކުރަން މަސައްކަތްކުރާ އިރު، ބިންމައްޗަށް ވެއްޓިގެން ފުލުހުންގެ ބެލުމުގެ ދަށަށް ނުދާން ގަދަހަދާ މަންޒަރު ފެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު