އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހުގެ ކަރުގައި ކުރަފަތި އަޅަން މަސައްކަތްކުރި މަންޒަރު ފެންނަ ވީޑިއޯއެއް ޝޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

އެ ވީޑިއޯއިން ފެންނަނީ އަލީ ސޯލިހު ދުއްވަން އިން ސައިކަލުގެ މައްޗަށް މީހަކު ހުއްޓި އޭނާގެ ގައިގައި ކުރަފަތި އަޅަން މަސައްކަތްކުރާ ތަނެވެ. ނަމަވެސް އަލީ ސޯލިހު، އޭނާގެ އަތުގައި ހިފަހައްޓައި "އޭ އޭ" ގޮވާފައި އަތް ހުރާލައި މަންޒަރު ފެނެއެވެ. އަތް ހޫރާލުމަށްފަހު ސައިކަލު ދުއްވާލަން އަލީ ސޯލިހު މަސައްކަތްކުރާތަނުން އެމީހާ ސައިކަލުގެ އަރިމައްޗަށް ގޮސް އަލީ ސޯލިހުގެ ކަރަށް ހަމަލާދިނުމަށް މަސައްކަތްކުރެއެވެ. ހަތަރު ވަރަކަށް ފަހަރު އެމީހާ ވަނީ އަލީ ސޯލިހުގެ ކަރަށް ހަމަލާ ދިނުމަށް މަސައްކަތްކޮށްފައެެވެ.

އެއަށްފަހު ފެންނަނީ އަލީ ސޯލިހު ހަމަލާއިން ސަލަމާތްވާން ދުއްވައިގަންނަ މަންޒަރެވެ. އޭރު އަލީ ސޯލިހުގެ އަތް ވަނީ ކޮންމެވެސް ވަރަކަށް ޒަހަމްވެފައެވެ.

އަލީ ސޯލިހަށް ހަމަލާދިން ކަމަށް ތުހުމަތުވާ މީހާއަކީ މީގެ ކުރިން ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކޮށް މިސްކިތުގެ ހުރުމަތް ކެނޑޭގޮތަށް އަމަލުކުރި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެކެވެ. އެފަހަރު ފުލުހުން އޭނާ ދޫކޮށްލުމަށްފަހު ބުނެފައިވަނީ، އެއީ ނަފުސާނީ މައްސަލަ ހުންނަ މީހެއް ކަމަށެވެ.

އަލީ ސޯލިހު "ވަން" އަށް މިއަދު ވިދާޅުވީ އޭނާއަށް ހަމަލާ ދިނީ ސައިކަލެއްގައި އައި މީހެއް ކަމަށާއި އޭނާ ކަޓަރު އަޅަން މަސައްކަތްކުރީ ފަހަތުން ކަރުގައި ކަމަށެވެ. ނަމަވެސް ކަޓަރު ނެގުމާއެކު ސައިކަލު ދުއްވާލުމުން ކަޓަރު އެޅުނީ ވާތް ފަރާތު އަތުގައާއި ބުރަކަށީގައި ކަމަށާއި ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ ސަރަހައްދަށް މީހުން އެއްވާން ފެށުމުން އަލީ ސޯލިހަށް ހަމަލާދިން މީހާ ވަނީ އެމީހުން މަރާލާނެ ކަމަށް ބުނެ ކައިރިނުވުމަށް އިންޒާރުދީފައެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެއީ ސަލްމާން މިސްކިތުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާކަން ވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

އެމީހާ ވަނީ މީގެ ދެ ރޭ ކުރިން ފުލުހުންނާ މަގުމަތިން ދިމާކޮށް މަރާލާނެ ކަމަށް އިންޒާރުދީފައެވެ. އަލީ ސޯލިހަށް ހަމަލާދިން މައްސަލައިގައި ފުލުހުން އެމީހާ ހައްޔަރުކުރާ ވީޑިއޯ ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ތިން ފުލުހަކު ވެގެން އޭނާ ހައްޔަރުކުރަން މަސައްކަތްކުރާ އިރު، ބިންމައްޗަށް ވެއްޓިގެން ފުލުހުންގެ ބެލުމުގެ ދަށަށް ނުދާން ގަދަހަދާ މަންޒަރު ފެނެއެވެ.