ޚަބަރު

މިއުވާން އިސްތިއުފާ ދެއްވުމުން ފޮރިން މިނިސްޓްރީއަށް ސަފާތު

މުހައްމަދު އިޝާން

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންގެ ހެޑަކަށް ހުންނެވި މުހައްމަދު މިއުވާން އެ މަގާމުން އިސްތިއުފާ ދެއްވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓުގެ މަގާމަށް ސަފާތު އަހުމަދު ޒާހިރު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ސަފާތު އެމަގާމަށް އައްޔަންކޮށްފައިވަނީ މިނިސްޓަރުންގެ ނައިބުގެ ފެންވަރުގައި ކަމަށެވެ.

ސަފާތަކީ ވުމަން އެންޑް ޑިމޮކްރަސީ ޖަމިއްޔާގެ ފައުންޑަރު އަދި ރައީސެވެ. މީއޭނާ ވަނީ ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމައި ފައިނޭންޝިއަލް އެނަލިސްޓެއް އަދި ބިޒްނަސް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.

ސަފާތު ފާހަގަކުރެވިފައި ވަނީ އަންހެނުންގެ ހައްގުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

ސަފާތު ވަނީ ފައިނޭންސް އެންޑް އިންވެސްޓްމަންޓްސް ދާއިރާއިން ޔުނިވާސިޓީ އޮފް ނޮޓިންހަމް އިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފައެވެ.

މިދިޔަ މެއި މަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައިވެސް ސަފާތު ވަނީ ވާދަކުރައްވައިފައެވެ. އެ އިންތިހާބުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމުގެ މަގާމަށް ސަފާތު ވާދަކުރެއްވީ އެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްއާއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިޕާޓްމެންޓުގެ ޑިރެކްޓަރަކަށް ހުންނެވީ މުހައްމަދު މިއުވާން، އެ މަގާމަށް އައްޔަންކުރެއްވީ މި ސަރުކާރަށް ވެރިކަމަށް އައި ދުވަސްވަރުއެވެ.

މިއުވާން މިރޭ "ވަން" އަށް ވިދާޅުވީ، ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓާ މަގާމުން މިދިޔަ ހަފުތާ ބަންދުގައި އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ވިދާޅެއް ނުވެއެވެ.

ފޮރިން މިނިސްޓްރީގެ ވަޒީފާއަށް ބަދަލުވުމުގެ ކުރިން މިއުވާން މަސައްކަތްކުރެއްވީ ރާއްޖޭ ޓީވީގައި ނޫސްވެރިއެއްގެ ގޮތުގައެވެ.