މިސީޒަނަށް ރޯމާއަށް ބަދަލުވެ، ސީޒަނަށް ތައްޔާރުވެފައިވާ ނެދާލެންޑްސްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނާލްޑަމް ތަމްރީނުތަކުގައި އުޅެނިކޮށް ފައިގެ ކަށިމަތި ބިނދި އަނިޔާވެއްޖެއެވެ.
އުމުރުން 31 އަހަރުގެ ވައިނާލްޑަމް މިއަހަރު ރޯމާއަށް ބަދަލުވީ ޕީއެސްޖީގައި ހުރެފައި ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ރަސްމީކޮށް ރޯމާއާ ގުޅުނީ މީގެ ދެ ހަފުތާ ކުރިންނެވެ. އިޓަލީ ލީގު ފެށިތާ އަދި ވީ އެންމެ ހަފުތާއެކެވެ. ރޯމާއިން ސީޒަނުގައި އަދި އެންމެ މެޗެއް ކުޅެފައިވާ އިރު، މިރޭ އެޓީމުން ކުޅެން އޮތީ ކްރެމޮނީސްއާ ދެކޮޅަށެވެ.
ވައިނާލްޑަމްއަށް އަނިޔާވިކަން ރޯމާއިން ވަނީ ޔަގީން ކޮށްދީފައެވެ. އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވައިނާލްޑަމްގެ ކަނާތު ފައިގެ ކަށިމަތިން ރެނދުއަޅައި، ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އަނިޔާގެ ސަބަބުން ވައިނާލްޑަމް ކުޅުމާ ދުރުގައި ހުންނަން ޖެހޭނީ ކިހާ ދުވަހަކަށް ކަމެއް އަދި ރޯމާއިން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އަނިޔާގެ ބާވަތުން ނެދަލޭންޑްސްއާއެކު ވައިނާލްޑަމްއަށް ވޯލްޑް ކަޕް ގެއްލިދާނެ ކަމަށް ވަނީ ބެލެވިފައެވެ.
މިފަހަރުގެ ވޯލްޑް ކަޕް އަންނަ ނޮވެމްބަރު މަހު ފަށަން ތައްޔާރުވެފައިވާ އިރު، ގައުމީ ޓީމަށް 86 މެޗު ކުޅެފައިވާ ވައިނާލްޑަމް ނެތުން ވެގެންދާނީ ނެދަލޭންޑްސްއަށް މާޔޫސް ކަމަކަށެވެ. ވައިނާލްޑަމްއަކީ ޕްރިމިއާ ލީގު ޗެމްޕިއަންސް ލީގުވެސް ލިވަޕޫލާއެކު ހޯދާފައިވާ ކާމިޔާބު، ތަޖުރިބާކާރު މިޑްފީލްޑަރެކެވެ. އޭނާ ޕީއެސްޖީއަށް ދިޔައީ މީގެ ސީޒަނެއް ކުރިންނެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ނެދަލޭންޑްސް ހިމެނެނީ ގްރޫޕް އޭގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ހޯސްޓް ގަތަރާއި ސެނެގާލްގެ އިތުރުން އެކުއެޑޯއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022