މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)ގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި ހިމެނޭ އޭނާގެ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓް ހެއްކެއްގެ ގޮތުގައި ބަލައިގަތުމަށް ހައިކޯޓުން މިއަދު އަންގައިފިއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ޕެސްޓުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ތިން ދައުވާއެއް ކޮށްފައިވެއެވެ. އަދި އެ ދައުވާތަކުގެ އިބްތިދާއީ ބަހުސްގައި ދައުލަތުން ވަނީ ހެކީގެ ގޮތުގައި ޕެސްޓުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓްގެ ސްޓޭޓްމެންޓް ހުށަހަޅައިފައެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ ހެތްކެއްގެ ގޮތުގައި އެ ސްޓޭޓްމެންޓް ބަލައިނުގަތުމަށެވެ. އެއީ ކިތާބީ ހެތްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ސްޓޭޓްމަންޓަކީ ގާނޫނާ އެއްގޮތަށް ހޯދާފައިވާ ހެކިތަކެއް ކަމަށް ނުވާތީ ކަމަށް ބުނެއެވެ. އެހެންކަމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.

ޕީޖީގެ ފަރާތުން ހައިކޯޓުގައި އެދުނީ، ކުރިމިނަލް ކޯޓުން އެގޮތަށް ނިންމީ ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ، ޕެސްޓުގެ ބޭންކް ސްޓޭޓްމެންޓް ހެކީގެ ގޮތުގައި ބަލައި ނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި އެ ހެކިތަކަކީ ގާނޫނާ އެއްގޮތަށް ހޯދާފައިވާ ހެކިތަކެއް ކަމަށް ކަނޑައަޅައި، އެ ހެކިތައް ޝަރީއަތަށް ބަލައި ގަތުމަށް އަންގާފައިވެއެވެ.

މި މައްސަލައިގައި ޕެސްޓުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ، ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ދައުވާއާއި ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ އަތުގައި ބެހެއްޓުމާއި ބޭނުންކުރުމާއި ސިއްރުކުރުމުގެ ދައުވާއެވެ.