ހުޅުމާލެ ހައިވޭ މަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ފުލުސް ކާރެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން މިއަދު ބުނީ ބްރިޖު ހައިވޭގައި ޕޮލިސް ކާރެއް ފުރޮޅާލައިގެން އުޅޭ ކަމުގެ ރިޕޯޓު ރޭ ދަންވަރު 2:58 އެއްހާއިރު ކޮށްފައިވާ ކަމަށެވެ. އަދި އެކްސިޑެންޓުގައި ކާރުގައި ތިބި ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށާއި ނަމަވެސް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ތިން މީހުންވެސް މިހާރު ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ.

"ވަން" އަށް މައުލޫމާތު ދިން ބައެއް މީހުން ބުނާ ގޮތުގައި އެކްސިޑެންޓުވެ ފުރޮޅާލާފައިވަނީ ފޮލިސް އެގްޒެކެޓިވް ބޭނުންތަކަށް ބޭނުންކުރާ ކާރެކެވެ. ހައިވޭ އާއި ބްރިޖުގައި އޯވާޓޭކް ކުރުމަކީ މަނާކަމަކަށް ވެފައި ދުއްވޭ އެންމެ ބާރަށް ސްޕީޑަކީ ގަޑިއަކު 50 ކިލޯމީޓަރު ކަމަށް ވާއިރު، ފުލުހުން ދުއްވާ އެ ކާރު ބާރު ސްޕީޑުގައި ދުއްވައި ހައިވޭ މަތިން އޯވާޓޭކް ކޮށް ހަދާތަން ކުރީންވެސް ފެނިފައިވާ ކަމަށް ބައެއް މީހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.