އެމްޑީޕީގެ ކޮންގްރެސްއަށް އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ބަރުލަމާނީ ގަރާރު އަނބުރާ ނެންގެވީ ވަކި ކަމަކަށް އެއްބަސްވެގެން ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދިޔަ އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން "ވަން" އިން ފައްޔާޒާ ސުވާލުކުރަމުން، ނަޝީދު ގަރާރު އަނބުރާ ގެންދެވީ ކަމަކާ އެއްބަސްވެވަޑައިގެންތޯ ސުވާލުކުރުމުން ފައްޔާޒް ވިދާޅުވީ، ނަޝީދު ބަރުލަމާނީ ގަރާރު އަނބުރާ ނެންގެވީ ވަކިކަމަކަށް އެއްބަސްވެވަޑައިގެން ނޫން ކަމަށެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީއަކީ މިނިވަންކަމާއެކު ހިޔާލުފާޅުކޮށް ވާހަކަދެއްކުމުގެ މިނިވަންކަން އޮންނަ ޕާޓީއަކަށްވުމުން އެ ޕާޓީގެ ތެރޭގައި އަބަދުވެސް ނުތަނަސްވަންކަން އޮންނަ ކަމަށާއި އެކަން ހުރިހާ ރައްޔިތުންނަށް ވެސް އެނގޭނެ ކަމަށެވެ. ހަމަ އެގޮތަށް މަޝްވަރާގެ މަތިން ނަޝީދު ގަރާރު އަނބުރާ ގެންދެވީ ކަމަށް ވިދާޅުވިއެވެ.
"ނޫން ނޫން. އަޅުގަނޑުމެން މަޝްވަރާކޮށްގެން ހަމަ ރަނގަޅު ނިންމުމެއް ނިމިގެން އެ ދިޔައީ،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، އެކަތިގަނޑެއްގެ ގޮތުގައި އެންމެން ގުޅިގެން ކުރިއަށްދާނަމަ އެމްޑީޕީއަކީ ސިޔާސީ މައިދާނުގައި މަޑުޖެހުމެއްނެތި ކުރިއަށްދާނެ ޕާޓީއެއް ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ގުޅިގެން މަސައްކަތް ކޮށްފިނަމަ އިންތިހާބުތައް ކާމިޔާބުވާނެ ކަމަށެވެ. އަދި އެމްޑީޕީން ބޭނުންވާ ފަދަ އަދުލުވެރި، އިންސާފުވެރި ގައުމަކަށް ރާއްޖެ ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެކައްޗެއް ކިޔައިގެން ކުރިއަށްދާނަމަ އަޅުގަނޑުމެންނަކީ އަންސްޓޮޕަބަލް ފޯސްއެކޭ އެނގޭތޯ ދަންނަވާނީ. އަޅުގަނޑުމެންގެ ތެރޭގައި ހުރި ނުތަނަވަސްކަމުގެ ސަބަބުން ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކަށް ޖާގަތައް ވެސް މިއަދު ލިބިފައި އެއޮތީ. އެހެންވީމާ މިއަދު އަޅުގަނޑުމެންނަށް މި ލިބުނު ބޮޑު ކާމިޔާބީއާއެކީ ވަރުގަދަކޮށް އެކަތިގަނޑަކަށް ހަދައިގެން އިލެކްޝަންތައް މިގައުމުގައި ކާމިޔާބުކޮށް އަޅުގަނޑުމެން ބޭނުންވާ ފަދަ އަދުލުވެރި، އިންސާފުވެރި، މިނިވަން ގައުމެއްގެ ގޮތުގައި ހަދަން ކުރިއަށް ގެންދާނަން،" ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ވީހާވެސް ގިނަ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.