އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ނިއުކާސަލްއާއި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.
ނިއުކާސަލްގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޖުމުލަ ހަ ގޯލު ފެނުނު އިރު، މެޗު ފެނުނީ ޝައުގުވެރިކޮށެވެ. ފޯރިގަދަކޮށް ދެޓީމުގެ ކުޅުން ފެނުނު އިރު، ވީއޭއާރުގެ ޑްރާމާވެސް ކޮންމެވެސް ވަރަކަށް ފެނިގެން ދިޔައެވެ. މިހާތަނަށް ޕްރިމިއާ ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އަނެއް މެޗުން ޕޮއިންޓް ހޯދާފައިވާ ސިޓީން މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ.
ތިން މެޗުން ފަސް ޕޮއިންޓާއެކު ނިއުކާސަލް އޮތީ ޕްރިމިއާ ލީގު ތާވަލުގެ ހަވަނައިގައެވެ. އެއީ ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ.
ޕެޕް ގާޑިއޯލާގެ އިރުޝާދު ދަށުން ކުޅެމުން ދިޔަ ސިޓީން މެޗު ފެށީ ވަރުގަދަކޮށެވެ. އެންމެ ފަސް މިނެޓު ތެރޭގައި އިލްކޭ ގުންޑޮގަން ޖެހި ގޯލުން ސިޓީން ލީޑު ނެގިއެވެ. އެ ގޯލަކީ މިހާތަނަށް މި ސީޒަނުގައި ނިއުކާސަލް ކޮޅަށް ވަން ފުރަތަމަ ގޯލެވެ. ވަރުގަދަ ފެށުމަކާއެކު ސިޓީން އިތުރު ހަމަލާތައް އުފެއްދިއެވެ.
މެޗުގެ ކުރީކޮޅުގައި އާލިން ހާލަންޑާއި ފިލް ފޮޑެންގެ އިތުރުން ކެވިން ޑިބްރޭނާގެ ނުރައްކާތެރި ހަމަލާތައް ނިއުކާސަލްގެ ގޯލްކީޕަރު ނިކް ޕޯޕް މަތަކޮށް ސިޓީއަށް ލީޑު ފުޅާކުރިޔަ ނުދީ ހިފެހެއްޓި އިރު، އަނެއްކޮޅުން ސެއިންޓް-މެކްސިމިންގެ ނުރައްކާ ސިޓީގެ ޑިފެންސަށް ކުރިމަތިވާން ފެށިއެވެ.
މެޗުގެ 28 ވަނަ މިނެޓުގައި ސެއިންޓް-މެކްސިމިން ނެގި ހުރަހުން އަލްމިރޯން ޖެހި ގޯލުން މެޗުގެ ނަތީޖާ ހަމަހަމަވިއެވެ. އަދި އޭގެ 10 މިނެޓް ފަހުން ކަލުމް ވިލްސަން ޖެހި ގޯލުން ނިއުކާސަލުން މެޗުގެ ނަތީޖާ އަނބުރާލިއެވެ. ދެވަނަ ހާފަށް ނުކުމެ ކެވިން ޓްރިޕިއާ ޖެހި ހިތްގައިމު ހިލޭ ޖެހުމުން ނިއުކާސަލް ދެ ގޯލުގެ ލީޑެއް ނެގިިއެވެ.
ދެވަނަ ހާފުގެ ކުރީކޮޅާ ހަމައަށް ނިއުކާސަލުން ދެ ގޯލުގެ ލީޑެއްގައި އޮތް ނަމަވެސް ސިޓީން އޮއިވަރު ބަދަލުކޮށްލިއެވެ. 60 ވަނަ މިނެޓުގައި ހާލަންޑް ޖެހި ގޯލުގެ އިތުރުން އޭގެ ހަތަރު މިނެޓު ފަހުން ބާނާޑޯ ސިލްވާ ޖެހި ގޯލުން ސިޓީން ނަތީޖާ ހަމަހަމަ ކުރިއިރު، ދެވަނަ ގޯލުގައި ޑިބްރޭނާ ޖެހި ޕާސް ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ.
މެޗުގެ ފަހުކޮޅުގައި ޑިބްރޭނާއަށް ނިއުކާސަލްގެ ކެޕްޓަން ޓްރިޕިއާ ކުރި ފައުލަކަށް ރެފްރީ ފުރަތަމަ ސީދާ ރަތް ކާޑެއް ދެއްކި ނަމަވެސް، ވީއޭއާރު ބަލައި އެ ކާޑު ވަނީ ރީނދޫ ކާޑަކަށް ބަދަލުކޮށްފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު