އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީން ކުޅުނު މެޗުގައި 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ލީޑްސް ޔުނައިޓެޑް ކައިރީ ބަލިވެއްޖެއެވެ.

ލީޑްސް ދަނޑުގައި މިރޭ ކުޅުނު މެޗު ޗެލްސީ ބޮޑުކޮށް ބަލިވުމުގެ އިތުރުން އެޓީމުން ނިންމާލީ 10 ކުޅުންތެރިންނާ އެކުގައެވެ. ޗެލްސީ މިރޭގެ މެޗުގައި ފޯމު ދަށްކޮށް ފެނިފައިވާ އިރު، މެޗުގެ ފަހުކޮޅުގައި އެޓީމުގެ ޑިފެންޑަރު ކަލިދޫ ކުލިބާލީއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކައިފައެވެ. ކުލިބާލީއަކީ މި ސީޒަނަށް ޗެލްސީން ގެންދިޔަ ޑިފެންޑަރެކެވެ. ސެނެގާލްގެ ކެޕްޓަން ކުލިބާލީ ވަނީ ސީޒަނުގައި ޗެލްސީއަށް ކުޅުނު ފުރަތަމަ މެޗުތަކުގައި ރަނގަޅަށް ކުޅެފައެވެ.

ލީގުގައި ޗެލްސީން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އަނެއް މެޗުން އެއްވަރުވެފައިވާ އިރު، ޖުމުލަ ހަތަރު ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލުގެ 12 ވަނައިގައެވެ. ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ލީޑްސް ވަނީ ދެވަނައަށް ޖެހިލައިފައެވެ.

މިރޭގެ މެޗަށް ޗެލްސީ ނުކުތީ މެދުތެރެއަށް ބަދަލުތަކަކާ އެކުގައެވެ. އެންގޯލޯ ކަންޓޭއާއި މަޓެއޯ ކޮވަސިޗް އަނިޔާގައި ހުރުމުން އެތަން ފޫބައްދަން ކޯޗު ތޯމަސް ޓުޗެލް ނެރުނީ ކޯނޯ ގަލެގާއާއި ރުބެން ލޮފްޓަސް ޗީކެވެ.

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ލީޑްސްގެ މަސައްކަތުގެ ރޭޓު ފެނުނީ ވަރަށް ބޮޑަށްވެސް ރަނގަޅުކޮށެވެ. ޗެލްސީއަށް މެދުތެރޭގެ ކޮންޓްރޯލުވެސް ހޯދަން އުނދަގޫވެފައިވާ އިރު، ފުރަތަމަ ކޮޅުގައި ހަމަލާތައްވެސް އުފެއްދީ ލީޑްސްއިންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި ލީޑްސްއިން ލީޑު ނެގީ ޗެލްސީގެ ގޯލްކީޕަރު އެޑުއާޑް މެންޑީ އަތުން ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

ޗެލްސީ މެދުތެރެއިން ފަހަތަށް ޖައްސާލި ޕާސް މެންޑީ ކޮންޓްރޯލުކޮށް ކުރިއަށް ފޮނުވާލަން މަސައްކަތް ކުރަނިކޮށް ބޯޅަ ގެއްލުވާލީ ބްރެންޑެން އާރޮންސޮން ފަޔަށެވެ. އޭނާ ވަނީ ފަސޭހަކަމާއެކު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިފައެވެ. ލީޑްސްއިން ލީޑު ނަގައި ދެންވެސް ކުޅުނީ ރަނގަޅު ޓެމްޕޯއެއްގައެވެ. ހާފު ނިމުމުގެ ކުރިން ޖެކް ހެރިސަން ނެގި ހިލޭ ޖެހުމުން ރޮޑްރީގޯ ބޮލުން ޖެހި ގޯލާއެކު ލީޑްސް ލީޑު ފުޅާކުރިއެވެ.

ލީޑްސްއިން މޮޅަށް ކުޅެ ހާފު ނިންމާލި އިރު، ޗެލްސީން މާ ބޮޑު ނުރައްކަލެއް ފެނިފައެއް ނުވެއެވެ. ޗެލްސީގެ ފޯވަޑް ލައިނުން ރަހީމް ސްޓާލިންނާއި މޭސަން މައުންޓް އަދި ކައި ހަވާޓްސް ފެނުނު އިރު، އެ ތިން ކުޅުންތެރިންގެ ފަރާތުންވެސް އެދެވޭ ހަމަލާތަކެއް ފެނިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި މައުންޓް ތިރިތިރިން ފޮނުވާލި ހަމަލާއެއް ލީޑްސްގެ ގޯލްކީޕަރު މެސްލިއޭ މަތަކުރި އިރު، އިތުރު ހަމަލާތައް ފެނުނީ މަދު ފަހަރެއްގައެވެ.

ލީޑްސްއިން ޗެލްސީ ކޮޅަށް ތިންވަނަ ގޯލެއް ޖެހީ ދެވަނަ ހާފުގައި، މެޗުގެ 69 ވަނަ މިނެޓުގައެވެ. އެ ގޯލު ޖެހީ ހެރިސަންއެވެ. އެ ގޯލާއެކު ޗެލްސީގެ ރޫހު ގެއްލިގެން ދިޔަ ތަން ފެނުނު އިރު، ލީޑްސްގެ މުޅި ސްޓޭޑިއަމް ފެނުނީ ފޯރިގަދަކޮށެވެ.

މެޗުގައި ޗެލްސީގެ ކުލިބާލީއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކީ 85 ވަނަ މިނެޓުގައެވެ.