މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުންގެ ފަރާތުން ކުރަން ތައްޔާރުވެފައިވާ މުޒާހަރާއާ ގުޅިގެން މެޗު ކެންސަލް ކުރަން ޖެހިއްޖެނަމަ މެޗު އަލުން ކުޅުމުގެ ބަދަލުގައި ބޭނުން ވަނީ ތިން ޕޮއިންޓް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

އިނގިރޭސި ފުޓުބޯޅައިގެ ގަދަ ދެބާރު ކަމަށް ޔުނައިޓެޑާއި ލިވަޕޫލް މި ސީޒަނުގައި ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ނުކުންނާނެއެވެ. އެ މެޗުގެ ކުރިން ޔުނައިޓެޑްގެ ސަޕޯޓަރުން ރާވަމުން އަންނަނީ ކްލަބުގެ ވެރިން ކަމަށްވާ ގްލޭޒާ އާއިލާއާ ދެކޮޅަށް އަޑު އުފުލުގެ އެއްވުމެއް ބޭއްވުމަށެވެ.

ޔުނައިޓެޑުން މި ސީޒަނުގައި ކުޅުނު ފުރަތަމަ ދެމެޗުންވެސް ބޮޑުކޮށް ބަލިވެ އެޓީމު އޮތީ ތާވަލުގެ ފުލުގައެވެ. ޔުނައިޓެޑުގެ ފެށުން ވަރަށް ބޮޑަށް ދައްކަށް ދިޔުމާއެކު ސަޕޯޓަރުން ވަނީ އަނެއްކާވެސް ވެރިންގެ އިސްތިއުފާއަށް ގޮވަން ފަށާފައެވެ. މީގެ ކުރިންވެސް އެފަދަ ގޮތަކަށް ޔުނައިޓެޑްގެ ހާލަތު ގޯސްވެ، މިދިޔަ ސީޒަނުގައި ލިވަޕޫލާ ދެކޮޅަށް ކުޅެން އޮތް މެޗުވެސް ކެންސަލް ކުރަން ޖެހިފައިވެއެވެ.

މިދިޔަ އަހަރު މޭ މަހުގެ ތެރޭގައި ޔުނައިޓެޑާއި ލިވަޕޫލް ސަޕޯޓަރުން ނުވައްދައި ކުޅެން އޮތް މެޗެއްގެ ކުރިން ޔުނައިޓެޑްގެ އެތައް ހާސް ސަޕޯޓަރުންނެއް މުޒާހަރާ ކުރަމުން ގަދަކަމުން ދަނޑަށް އެރުމާއެކު އެ މެޗު ޖެހުނީ ފަސްކުރާށެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގު ތާރީހުގައިވެސް އެފަދަ މުޒާހަރާއެއްގެ ސަބަބުން މެޗެއް ފަސްކުރަން ޖެހުނު ފުރަތަމަ ފަހަރެވެ.

"(މެޗު ނެތިއްޔާ) ކުރަން ޖެހޭނެ ކަމަކީ އަނބުރާލާފައި ބަހުގައި ގެއަށް ދިޔުން. އެކަމަކު ކުރީ ފަހަރު ވީހެން މެޗު ނުކުޅެވުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން. މިފަހަރު އެހެން ދިމާވެއްޖެނަމަ ތިން ޕޮއިންޓް ބޭނުން. އެއީ ލިވަޕޫލްގެ ފަރާތުން މެޗު ފަސްކުރަން ޖެހޭނެ ކަމެއް ދިމާވެގެނެއް ނޫން މެޗު ފަސްކުރަނީ. ބުރަ ޝެޑިއުލަކަށް އަލުން މެޗު ފައްތައިގެން ކުޅެންވީމާ ލިވަޕޫލަށްވެސް ބުރަބޮޑުވޭ،" ޔުނައިޓެޑް ދަނޑުގައި މާދަމާ ރޭ ކުޅެން އޮތް މެޗު ކެންސަލް ވެދާނެ ކަމަށް ވާހަކަ ދެއްކުމުން ކްލޮޕް ނޫސްވެރިންނަށް ޖަވާބު ދެމުން ބުންޏެވެ.

ޔުނައިޓެޑްގެ ވެރިންނަށް އަނެއްކާވެސް ޕްރެޝަރާ ކުރިމަތިލާން ޖެހިފައިވާ އިރު، ސަޕޯޓަރުންގެ ރުހުން ހޯދުމަށް މިހާރު ދަނީ ޓްރާންސްފާތައްވެސް ގިނަކުރަމުންނެވެ. އެގޮތުން އިއްޔެ އެ ކްލަބުން ވަނީ ގާތްގަނޑަކަށް 70 މިލިއަން ޕައުންޑަށް ރެއާލް މެޑްރިޑްގެ ކަސެމީރޯ ގެންގޮސްފައެވެ. އޭގެ އިތުރުންވެސް ކުޅުންތެރިންނަށް ޔުނައިޓެޑުން ދަނީ ލޯ އަޅަމުންނެވެ.

ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގު ޕްރި މެޗު ޕްރެސްގައި ބުނެފައި ވަނީ ކްލަބުގެ ވެރިންވެސް ބޭނުންވަނީ މޮޅުވާން ކަމަށްވީ އިރު، ސަޕޯޓަރުންނާއި ކުޅުންތެރިން އަދި ވެރިން އެކުގައި މަސައްކަތްކޮށްގެން ނޫނީ ހެޔޮ ބަދަލެއް ނާންނާނެ ކަމަށެވެ.

މި ސީޒަނުގެ މިހާތަނަށް ލިވަޕޫލާއި ޔުނައިޓެޑަށްވެސް އަދި މޮޅެއް ހޯދިފައެއް ނުވެއެވެ. ޔުނައިޓެޑުން ފުރަތަމަ ކުޅުނު ދެމެޗުން ބަލިވި އިރު، ލިވަޕޫލް އޮތީ ފުރަތަމަ ދެމެޗުންވެސް އެއްވަރު ވެފައެވެ.