ރެއާލް މެޑްރިޑުން މިއަހަރުގެ ސްޕެނިޝް ލަލީގާގައި ކުޅުނު ދެވަނަ މެޗުގައި ފަސޭހަކަމާއެކު 4-1 އިން ސެންޓާ ވީގޯ ބަލިކޮށްފިއެވެ.
އެންމެފަހުގެ ޗެމްޕިއަން ރެއާލްއިން ރޭ ރަށުން ބޭރުގައި ކުޅުނު މެޗުން މޮޅުވެ، އެޓީމުން ވަނީ މިހާތަނަށް ލަލީގާގައި ކުޅުނު ދެމެޗުންވެސް މޮޅުވެފައެވެ. ރޭގެ މެޗަށް ރެއާލްއިން ނެރުނު ފުރަތަމަ 11 ގައި މެދުތެރެއިން ލޫކާ މޮޑްރިޗާއެކު ފެނުނީ އެޑުއާޑޯ ކަމަވިންގާ އަދި އޮރެލިއަން ޗުއެމެނީއެވެ. އެ ކްލަބުގައި 2013 ވަނަ އަހަރުން ފެށިގެން ހޭދަކުރި ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައެވެ.
ކަސެމީރޯ ރެއާލްއަށް އަލް ވަދާއުކިޔައި ޔުނައިޓެޑާއި ގުޅުނީ އިއްޔެއެވެ.
މެޗު ފެށިގެން 14 ވަނަ މިނެޓުގައި ރެއާލްއިން ލީޑު ނެގީ ކަރިމް ބެންޒެމާގެ ޕެނަލްޓީންނެވެ. ރެއާލްއިން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ލަލީގާ ކާމިޔާބުކުރި އިރު، އެ ދެ މުބާރާތުގައިވެސް ކްލަބަށް އެންމެ ގިނަ ގޯލު ޖަހައިދިނީ ފޯވަޑް ބެންޒެމާއެވެ. ރޭގެ މެޗުގައި އޭނާ ޖެހި ޕެނަލްޓީއަކީ މި ސީޒަނުގައި ޖެހި ފުރަތަމަ ގޯލެވެ.
ރެއާލްއިން ލީޑުގައި ކުޅެމުން އަންނަނިކޮށް، ސެލްޓާ ވީގޯއަށް ލިބުނު ޕެނަލްޓީގައި އިއާގޯ އަސްޕާސް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެއީ މެޗުގެ 23 ވަނަ މިނެޓުގައެވެ. އެ ނަތީޖާއާއެކު ހާފު ނިމެން ދަނިކޮށް ރެއާލްއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ އުމުރުން 36 އަހަރުގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ޖެހި ހިތްގައިމު ގޯލުންނެވެ.
ޑޭވިޑް އަލާބާ ދުއްވާލި ޕާހުގައި މޮޑްރިޗް ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލީ އޭރިއާ ބޭރުންނެވެ. މޮޑްރިޗް އޭރިއާ ބޭރުން އެ ހަމަލާ ފޮނުވާލީ ގޯލާ 25 ޔާޑު ދުރުންނެވެ. މޮޑްރިޗް މިހާތަނަށް ރެއާލްއަށް 33 ގޯލު ޖަހައިދީފައިވާ އިރު، އޭގެ ތެރެއިން 18 ގޯލަކީ ދުރުން އޭރިއާ ބޭރުން ޖެހި ގޯލުތަކެވެ.
މެޗުގައި ރެއާލްގެ އަނެއް ދެ ގޯލު ދެވަނަ ހާފުގައި ޖަހައިދިނީ ވިނީޝިއަސް ޖޫނިއާގެ އިތުރުން ފެޑެރީކޯ ވަލްވާޑޭއެވެ. މެޗުގެ ފަހު ކޮޅުގައި ރެއާލްއިން އިތުރު ޕެނަލްޓީއެއް ލިބުނު ނަމަވެސް ބަދަލަކަށް ކުޅެން އެރި އެޑެން ހަޒާޑް ޖެހި ޕެނަލްޓީ ސެލްޓާގެ ގޯލްކީޕަރު މަތަކުރިއެވެ. ޗެލްސީއަށް ރަނގަޅު ފޯމެއް ދެއްކި ހަޒާޑް ރެއާލްގައި އަދިވެސް ރަނގަޅު ފޯމަކަށް ނައިސްގެން އުޅޭ އިރު، މިހާތަނަށް ލާލީގާގައި ކުޅުނު 50 މެޗުން ޖެހުނީ އެންމެ ހަތަރު ގޯލެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ