އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓޮޓެންހަމްއިން ވުލްވްސް ބަލިކުރި އިރު، އާސެނަލްއިން އެޓީމުގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ޓޮޓެންހަމްއިން އަމިއްލަ ދަނޑުގައި ވުލްވްސް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިރޭ އާސެނަލްއިން ރަށުން ބޭރުގައި ކުޅުނު މެޗުގައި ބޯންމައުތު ކައިރީ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުން އާސެނަލްއިން ތަފާތު ބޮޑު ނަތީޖާއަކާއެކު މޮޅުވެ، މިއަހަރުގެ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް ވަނީ މޮޅުވެފައެވެ.

އާސެނަލްއިން ސީޒަނުގެ ފެށުން ވަރުގަދަކޮށްފައިވާ އިރު، މިއީ 2004-05 ވަނަ އަހަރުގެ ސީޒަނަށްފަހު އެޓީމުން ސީޒަނުގެ ފުރަތަމަ ތިން މެޗު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ހާއްސަކޮށް މިދިޔަ ސީޒަނާ އަޅައި ބަލާއިރު، އާސެނަލްގެ ފޯމު ފެންނަނީ އާދަޔާ ހިލާފަށް ރަނގަޅަށެވެ. މިދިޔަ ސީޒަނުގެ ލީގުގައި އާސެނަލްއިން ކުޅުނު ފުރަތަމަ ތިން މެޗުންވެސް ބަލިވެ އެޓީމު ތާވަލުގެ ފުލަށް ވެއްޓުނު ނަމަވެސް މި ސީޒަނުގެ ރަނގަޅު ފެށުމާއެކު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ.

ތިން މެޗުން ނުވަ ޕޮއިންޓާއެކު އާސެނަލް އޮތް އިރު، ފުރަތަމަ ތިން މެޗުން މޮޅުވުމުގެ ފުރުސަތު ދެން އޮތް ހަމައެކަނި ޓީމަކީ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށެވެ. ސިޓީން މިހަފުތާ ކުޅެން އޮތް މެޗުގައި މާދަމާ ރޭ ނުކުންނާނީ ނިއުކާސަލްއާ ދެކޮޅަށެވެ.

މިރޭގެ މެޗުގެ ފުރަތަމަ 11 މިނެޓް ތެރޭގައި އާސެނަލްއިން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފައެވެ. އެ ދެ ގޯލުވެސް ކާމިޔާބުކޮށްދިނީ މި ސީޒަނަށް އާސެނަލްގެ ކެޕްޓަން ބޭންޑްގައި ނުކުތް ނޯވޭގެ މާޓިން އޮޑެގާޑެވެ. ރަނގަޅު ފެށުމަކާއެކު މެޗު ޑޮމިނޭޓްކޮށް އާސެނަލްއިން އިތުރު ހަމަލާތައްވެސް އުފެއްދި އިރު، ދެވަނަ ހާފަށް ނުކުމެ މާ ގިނައިރެއް ނުވެ ލީޑު ފުޅާކުރިއެވެ. އެ ގޯލަކީ ވިލިއަން ސަލީބާ އޭރިއާ ބޭރުން ގޯލުގެ ކަނަށް އޮއްސާލި ހިއްގައިމު ބޯޅައަކުން ކާމިޔާބު ކުރި ގޯލެކެވެ.

މެޗުގައި އާސެނަލްގެ ފޯވަޑް ގެބްރިއަލް ޖީސަސް އާއި މާޓިނެލީގެ ހަމަލާތައް ފެނުނެވެ. އެ ހަމަލާތައް މަތަކޮށް ބޭރުކޮށްލީ ބޯންމައުތުގެ ގޯލުކީޕަރު މާޓިން ޓްރެވާސްއެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ޓޮޓެންހަމްއިން ޖެހި ހަމައެކަނި ގޯލު ދެވަނަ ހާފުގައި ވުލްވްސް ކޮޅަށް ޖަހައިދިނީ ހެރީ ކޭންއެވެ. މިއަދުގެ މެޗުގެ 64 ވަނަ މިނެޓުގައި ޓޮޓެހަމްއިން ޖެހި ގޯލަކީ ކޯނަރެއްގެ އެހީގައި ޖެހި ގޯލެކެވެ. ވާތް ފަރާތުން ނެގި ކޯނަރު ކޭން ބޮލުން ޖަހައި ގޯލަށް ވައްދާލީ، އިވާން ޕެރިސިޗް ބޮލުގައި ޖެހިފައި ބޯޅައިގެ މިސްރާބު ބަދަލުވެގެން ދިޔުމުންނެވެ.

މެޗުގައި ކޭން ޖެހީ ޓޮޓެންހަމްއަށް އޭނާ ޖަހައިދިން 250 ވަނަ ގޯލެވެ. މިހާރު ކޭން ވެފައި ވަނީ ޕްރިމިއާ ލީގުގެ އެރާގައި އެއް ކްލަބަކަށް އެންމެ ގިނަ ގޯލު ޖަހައިދީފައި ކުޅުންތެރިޔާއަށެވެ. މިއަދުގެ މެޗަށް ނުކުތް އިރު، ޓޮޓެންހަމްއަށް ޖެހި 249 ގޯލާއެކު ކޭން އޮތީ މެންޗެސްޓާ ސިޓީއަށް ކުޅުނު ސާޖިއޯ އަގުއޭރޯގެ ރެކޯޑާ ހަމަހަމަ ކޮށެވެ.

އެ ރެކޯޑުގެ އިތުރުން ކޭން ވުލްވްސް ކޮޅަށް މެޗުގައި ޖެހި ގޯލަކީ 1992 ވަނަ އަހަރު ޕްރިމިއާ ލީގު ވުޖޫދުވީފަހުން ޓޮޓެންހަމްއިން ޖެހި 1000 ވަނަ ގޯލެވެ. މިއަދުގެ މެޗުން މޮޅުވެ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައި، ޓޮޓެންހަމް އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އެއީ އެއްވަނައިގައި އޮތް އާސެނަލްއަށްވުރެ ދެ ޕޮއިންޓްގެ ފަރަގެއްގައެވެ.

މިރޭ ޕްރިމިއާ ލީގުގައި ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، ކްރިސްޓަލް ޕެލެސްއިން ވަނީ 3-1 އިން އެސްޓަންވިލާ ބަލިކޮށްފައެވެ. އެވަޓަން، 1-1 އިން ނޮޓިންހަމް ފޮރެސްޓް ކައިރީ އެއްވަރުވި އިރު، ފުލްހަމްއިން ވަނީ 3-2 އިން ބްރެންޓްފޯޑު ބަލިކޮށްފައެވެ. ލެސްޓާ ސިޓީ އާއި ސައުތުހެމްޓަން ވާދަކުރި މެޗު ސައުތުހެމްޓަންއިން ފަހަތުން އަރައި ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.