ހައުސިން ޑިވެލޮޕްމަންޓް ފައިނޭންޝަލް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން އަތޮޅު ތެރޭގައި ގެދޮރު އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް ތައާރަފުކޮށްފައިވާ "ގެދޮރުވެރިޔާ" ލޯނަށް އެދުނު 237 ފަރާތަކަށް 130 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ އެމްޑީޕީ ކޮންގްރެސްގައި ޖަޒީރާ ދިރިއުޅުން ސިޔާސަތާ ގުޅޭގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދެއްވަމުން މިނިސްޓަރު އަސްލަމް މިއަދު ވިދާޅުވީ ގެދޮރުވެރިޔާ ލޯނަށް އެދުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް 143 ފަރާތަކާއެކު އެގްރީމަންޓްގައި ސޮއިކޮށްފައިވާ ކަމަށާއި އޭގެތެރެއިން 124 ފަރާތަކަށް ލޯނު ދޫކުރަން ފަށާފައިވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ ގެދޮރުވެރިޔާ ލޯނަށް އެދޭ މިންވަރަށް ބަލައި ލޯނު ފަންޑު އިތުރުކުރުމާ މެދު ސަރުކާރުން ވިސްނަންޖެހޭ ކަމަށާއި ލޯނު ނެގި ފަރާތްތަކުން ގަވާއިދުން ލޯނު އަނބުރާ ދައްކާނަމަ، ފަންޑު އިތުރުކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެޗްޑީއެފްސީން ދޫކުރާ "ގެދޮރުވެރިޔާ" ލޯން ސްކީމުގެ ދަށުން އެންމެ ގިނަވެގެން ދޫކުރެވޭނީ ހަތް ލައްކަ ރުފިޔާއެވެ. އެ ލޯން ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ގެއެއް އަޅަން ނުވަތަ ނުނިމި ހުރި މަސައްކަތްތައް ކުރުމަށާއި ހަދަން ފަށައި، ނުނިމި ހުރި އިމާރާތަށް ބައެއް އިތުރުކުރުމަށެވެ.
"ގެދޮރުވެރިޔާ" ލޯނު ތައާރަފުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު އެޗްޑީއެފްސީ އާއި ހައުސިން މިނިސްޓްރީ ގުޅިގެންނެވެ. އެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ ހަ ޕަސަންޓެވެ.
ހައުސިން ލޯނާ ބެހޭގޮތުން ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ރާއްޖޭގެ ބޭންކުތަކުން ދޫކުރާ ހައުސިން ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ކުޑަކުރަންޖެހޭ ކަމަށާއި ހައުސިން ލޯނެއް ގޮތުގައި ދޫކުރަން ކަނޑައަޅަންވާނީވެސް ވަކި އަދަދެއް ކަމަށެވެ.
"ހައުސިން އަކަށް މީހަކު ބޭނުން ނުވާނެ ދިހަ މިލިއަން ރުފިޔާގެ ލޯނެއް. ހައުސިން އަށް ބޭނުންވާނީ އެންމެ ގިނަވެގެން ދޮޅު މިލިއަން، ދެ މިލިއަން ރުފިޔާގެ ލޯނެއް. ދެން ހުންނާނީ އެމީހާ ކޮމާޝަލީ އޭގެން ބޭނުންކުރާ ފައިސާ. ދިހަ މިލިއަން 12 މިލިއަން ރުފިޔާގެ ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ކުޑަކުރުމަށް އަޅުގަނޑު ތާއީދެއް ނުކުރަން" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ހައުސިން ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ދަށްކުރުމާއި ވަކި އަދަދުތަކެއް ކަނޑައެޅުމާ މެދު ޕާޓީތެރޭގައިވެސް މަޝްވަރާކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު