ޗެލްސީން އެންމެފަހުން ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ޓޮޓެންހަމްއިން މެޗު އެއްވަރު ކުރަން ޖެހި ގޯލަކީ ފައުލެއް ކޮށްފައި ޖެހި ގޯލެއް ކަމަށާއި، އެ ނިންމުން ރިވިއުކުރަން ރެފްރީ ނުފޮނުވައި ވީއޭއާރްގައި އިން މައިކް ޑީން ހެދީ ބޮޑު ގޯހެއް ކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ޓޮޓެންހަމް އާއި ޗެލްސީ އެންމެފަހުން ޕްރިމިއާ ލީގުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. އެ މެޗުގައި ޓޮޓެންހަމްއިން ޖެހި ދެ ގޯލާ މެދުވެސް ޗެލްސީ ކޯޗު ޓުޗެލް، މެޗަށްފަހު ޝަކުވާ ކޮށްފައިވެއެވެ. ހާއްސަކޮށް މެޗުގެ ރެފްރީއަށް ޓުޗެލް ފާޅުގައި ފާޑު ކިޔާފައިވެސް ވެއެވެ. މެޗު ވަރަށް ޖަޒުބާތީ ގޮތެއްގައި ފެނިގެން ގޮސްފައިވާ އިރު، ނިމިގެން ދިޔަތަނުން ޗެލްސީ ކޯޗު ޓުޗެލް އާއި ޓޮޓެންހަމް ކޯޗު އެންޓޯނިއޯ ކޮންޓޭއާ ދެމެދު ހަމަ ނުޖެހުމެއް ހިނގައި، އެ ދެކޯޗުންނަށް ރަތް ކާޑުވެސް ދައްކާފައިވެއެވެ.

އެ ރަތް ކާޑާއެކު އިނގިރޭސި އެފްއޭއިން ވަނީ ޓުޗެލްއަށް އެއް މެޗުގައި ބެންޗުން އިރުޝާދު ނުދެވޭނެ ގޮތަށް ހަދައި، 35،000 ޕައުންޑުން ޖޫރިމަނާ ކޮށްފައެވެ. އޭގެ އިތުރުން އެފްއޭއިން ވަނީ ކޮންޓޭ 15،000 ޕައުންޑުން ޖޫރިމަނާ ކޮށްފައެވެ. ދެ ކޯޗުންނަށްވެސް މައްސަލައިގެ ޝަކުވާ ހުށަހަޅަން ފުރުސަތު ދީފައިވެއެވެ.

މެޗުގައި ޓޮޓެންހަމްއިން ފަހުން ޖެހި ގޯލު ޖެހުމަށް ފުރުސަތު ތަނަވަސް ކުރުމުގެ ގޮތުން ޓޮޓެންހަމް ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ ޗެލްސީގެ މާކް ކުކުރޭޔާ ބޮލުގައި ހިފައި ދަމައިގަތްތަން ވީޑިއޯގައި ފެނުނު ނަމަވެސް ވީއޭއާރް ޗެކްއަކަށް ރެފްރީ ގޮސްފައެއް ނުވެއެވެ. ރެފްރީ އެންތޮނީ ޓެއިލާ ވީއޭއާރް ބެލުމަށް ގޮސްފައި ނުވަނީ ވީއޭއާރް ރޫމްގައި އިން މައިކް ޑީން އެކަމަށް އެދިފައި ނުވާތީއެވެ.

މައިކް ޑީން ފަހުން ސްކައި ސްޕޯޓްސްއަށް ބުނީ އެ ގޯލަށް ފުރުސަތު ތަނަވަސްކުރި ގޮތް ބަލަން ޓެއިލާ ނުފޮނުވުން އެއީ އޭނާއަށް ހެދުނު ގޯހެއް ކަމަށެވެ. ގޯހަށް މައިކް ޑީން އެއްބަސްވުމުން ޓުޗެލް ވަނީ އަނެއްކާވެސް އޭނާއަށް ފާޑު ކިޔައިފައެވެ.

"އަހަރެން ހިތްހަމައެއް ނުޖެހޭ ޑީން ހެދި ގޯހަކަށް. މުޅި ދުނިޔެއަށް ފެނުނު ބޮޑު ގޯހެއް. ފަހުން ގޯސް ހެދުނު ކަމަށް ބުނުމުންވެސް އެއީ ހިތަށް ހަމަޖެހުން ލިބޭނެ ކަމެއް ނޫން. އެއީ އެހާވެސް ބޮޑު ގޯހެއް އެއީ، އެންމެންނަށްވެސް ފެންނާނެ އެ ގޯސް،" ޓުޗެލް ބުންޏެވެ.

ޗެލްސީން ޕްރިމިއާ ލީގުގައި މި ހަފުތާގައި ނުކުންނާނީ ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ.