އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕުގައި ޑްރާމާ ކުޅުނު ނަމަވެސް މެންބަރުންގެ ގުޅުން ވަރުގަދަ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިނޮކޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މި އަހަރު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި މެންބަރުންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެ، ހޫނު ބަހުސްތަކެއް ކުރިއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްއަސްޕް ގުރޫޕުގެ ސްކްރީންޝޮޓުތައް އެކި ފަހަރު މަތީން ލީކުވެފައިވާއިރު، އެންމެ ފަހުން އާއްމުވި ވާހަކަތަކުގައި ޒިނޭގެ ތުހުމަތަކާއި ރާ ބުއިބުމުގެ ތުހުމަތުތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ކުރައްވައިިފައެވެ.

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ފެށުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި ފައްޔާޒް ވިދާޅުވީ، އެމްޑީޕީގެ އެތެރޭގައި ކުރާ ބަހުސްތަކަކީ ޑިމޮކްރަސީގެ ހެއްކެއް ކަމަށެވެ. އަދި އެމްޑީޕީގެ އެތެރޭގައި ބަހުސް ކުރުމާއި ވަކި ކަމަކާމެދު އެ މީހަކު ދެކޭ ގޮތް ހިއްސާ ކުރުމުގެ ފުރުސަތު އަބަދުވެސް އޮންނާނެކަމަށް ވިދާޅުވިއެވެ.

"ބައެއް ބޭފުޅުން ވިދާޅުވާނެ އަޅުގަނޑުމެން ޑްރާމާ ކުޅެނީއޭ، އަޅުގަނޑުމެންގެ ވަޓްސްއެޕް ގުރޫޕުގެ ވާހަކަދައްކާނެ. ބައްލަވާ އެއީ އަޅުގަނޑުމެން އެކަން ކުރަން ބޭނުންވާ ގޮތް. ބައެއް ބޭފުޅުންނަށް އަޅުގަނޑުމެން ޑްރާމާ ކުޅުނޭ ހީވިއަސް އަޅުގަނޑުމެންގެ ގުޅުން އޮންނަނީ އެހެނެއް ނޫން" ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕްގެ ޒުވާބުތަކަށް އަމާޒުކުރައްވައި ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، މިނިވަަންކަމާއެކު ވާހަކަ ދައްކައިގެން ނަތީޖާ ނެރުމަކީ އެމްޑީޕީގެ ސިފަ ކަމަށާއި ގައުމީ މަޖިލީހުގެ މެންބަރުންގެ މެދުގައި ދެކެވޭ ވާހަކަތަކަށް ފާޑުކިޔުންތައް އަމާޒުވީ ނަމަވެސް، މަސައްކަތް ކުރަން ބޭނުންވާ ގޮތަކީ އެއީކަމަށެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، މެންބަރުންގެ މެދުގައި ހިޔާލުތަފާތުވީ ނަމަވެސް، އެމްޑީޕީގެ އެތެރޭގެ ގުޅުންތައް މާ ވަރުގަދަކަމަށެވެ. އަދި މެންބަރުންގެ މެދުގައި އެކަކު އަނެކަކާއެކު މަސައްކަތް ކުރުމުގެ ހިތްވަރު ހުންނާނެ ކަމަށް ވިދާޅުވިއެވެ.