ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ތައުލީމީ ދާއިރާއިން ހިންގި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް 1316.9 މިލިޔަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްއަށް މި ސަރުކާރުގެ ތައުލީ މީދާއިރާގެ ކަންތައްތަކާ ބެހޭގޮތުން، މައުލޫމާތު ދެއްވަމުންނެވެ.
މިއަދު ހެނދުނުގެ ސެޝަންގައި އެ މައުލޫމާތުތައް ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި ޕީއެސްއައިޕީން ތައުލީމީ ދާއިރާގެ ޕްރޮޖެކްޓްތަކަށް ހަރަދު ކޮށްފައި ވަނީ އެންމެ 981.6 މިލިޔަން ރުފިޔާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ސްކޫލްތަކުގެ އުމްރާނީ ތަރައްގީއަށް މިހާތަނަށް އެންމެބޮޑު ހަރަދެއް ކުރީ މި ސަރުކާރުން ކަމަށެވެ. އެ ގޮތުން ސްކޫލްތުގައި އެންމެ ގިނަ ޕްރޮޖެކްޓްތައް ހިންގީ މި ސަރުކާރުން ކަމަށާއި، ވަށައިޖެހޭ ފުރިހަމަ ތައުލީމެއް ދަރިވަރުންނަށް ދިނުމަށް ވެފައިވާ ވައުދު ފުއްދުމަށް މިސަރުކާރުން 216 މަޝްރޫއެއް ސްކޫލްތަކުގައި ފަށާފައިވާއިރު، އޭގެ ތެެރެއިން 44 މަޝްރޫއު މިހާރު ނިމި އެ އިމާރާތްތައް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި 89 މަޝްރޫއެއްގެ މަސައްކަތް ހިނގަމުންއެބަދާއިރު، 11 މަޝްރޫއެއްގެ މަސައްކަތް މިހާރު އެވޯޑު ކޮށްފައިވާއިރު، އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"މި މަޝްރޫއުތަކުގައި ހިމެނެނީ ޖުމުލަ 1288 ކުލާސްރޫމު 81 މަލްޓިޕާޕަސް ހޯލު 338 އެހެނިހެން އިމާރާތްތައް، މި އިމާރާތްތަކުގެ ތެރޭގައި ސްޓާފްރޫމު، ލެބޯޓްރީ، ލައިބްރަރީ، އޮފީސް އިމާރާތް، މިފަދަ އިމާރާތްތައް ހިމެނޭ،" މިނިސްޓަރު ވިދާޅުވިއެވެ.
އެޑިޔުކޭޝަން މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި 2014 އިން 2018 އަށް، މުޅިއެކު 135 ކުލާސްރޫމުގެ މަސައްކަތް ކޮށްފައިވާއިރު، މި ސަރުކާރަށް މިވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައިވެސް މިސަރުކާރުން 1288 ކުލާސްރޫމް މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ. އެ ވެރިކަމުގައި، 15 މަލްޓި ޕާޕަސްހޯލް ހެދިއިރު، މި ވެރިކަމުގެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 81 މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ކުރިއަށްދާ އެބަކަމަށާއި، ތައުލީމީ ދައިރާގެ އެހެނިހެން މަޝްރޫއުތަކުގެ ގޮތުގައި، އެ ވެރިކަމުގައި 64 މަޝްރޫއެއް ހިންގިއިރު، މިވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 338 މަޝްރޫއުގެ މަސައްކަތް ކުރިއަށް އެބަގެންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ޕީއެސްއައިޕީ ޕްރޮޖެކްތަކަށް ހަރަދުވި ބަޖެޓަށް ބަލާއިރު 2014 އިން 2018 އަށް ޖުމުލަ ހަރަދު ކޮށްފައި ވަނީ 941.6 މިލިޔަން ރުފިޔާ، މިވީ ހަތަރު އަހަރު ތެރޭގައި މި ސަރުކާރުން 1316.9 މިލިޔަން ހަރަދު ކޮށްފައިވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކުޑަ ރަށެއްގެ ދަރިވަރަކަށް ވީތީ މައިންބަފައިން ދޫކޮށް އެހެއް ރަށަކަށް ހިޖުރަ ކުރަން ޖެހޭ ސަގާފަތަށް މިސަރުކާރުން ނިމުން ގެނެސް، އަމިއްލަ ރަށުގައި ހުރެގެން ރަނގަޅު ތައުލީމު ހޯދޭނެ މަގު ތަނަވަސްކޮށްދީފައިވާ ކަމަށެވެ. ސެޓެލައިޓް ނިޒާމު ބޭނުން ކޮށްގެން، ކުދި އާބާދީ ހިމެނޭ ސްކޫލްތަކުގައި ގްރޭޑް ނުވަޔަކަށް ކިޔަވައިދޭން ފަށާފައިވާއިރު، އޯލެވެލް ނިންމުމަށްފަހު އިތުރަށް ކިޔަވަން، މާލެއަށް ނުވަތަ މާ ދުރުގައި އޮންނަ ރަށަކަށް ދަރިފުޅު ފޮނުވައިލަން ޖެހޭ ކަންބޮޑުވުން ނިމުމަކަށް ގެނެސް ކޮންމެ އަތޮޅަކުން އޭލެވެލަށް ކިޔެވުމުގެ ފުރުސަތު މި ސަރުކާރުން ތަނަފަސްކޮށްދީފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު