ތިރީސް އަހަރު އެއްކޮށްލައިގެން ނުގެނެވޭ މިންވަރަށް މި ސަރުކާރުން އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި ފައްޔާޒް ވިދާޅުވީ، ރާއްޖެއަށް ތަރައްގީ ގެނެސްދިނީ އެމްޑީޕީން ކަމަށެވެ.

"އުމްރާނީ ތަރައްގީގެ ވާހަކަ ދައްކާއިރުގައި އަޅުގަނޑުމެންގެ ކޮންމެ ރަށެއްގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމަށްޓަކައި މި ސަރުކާރުން މިއަދު ކުރަމުންގެންދާ މަސައްކަތްތައް. އެއީ މިހާތަނަށް ދިވެހިރާއްޖޭގެ 30 އަކަށް އަހަރު އެއްކޮށްލީމަވެސް ނުވާވަރުގެ މަސައްކަތް މިދަނީ ކުރަމުން،" ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ދެ ވެރިކަމުގައިވެސް ކުރެވުނު އެންމެ މުހިއްމު މަސައްކަތަކީ އުމްރާނީ ތަރައްގީއާއި ބޭސްފަރުވާގެ ކަންކަން ނޫން ކަމަށާއި ކުރެވުނު އެންމެ މުހިއްމު މަސައްކަތެއް ކަމުގައި ދެކެނީ ރާއްޖޭގެ ރައްޔިތުންގެ ފިކުރަށް ގެނެވުނު ބަދަލުތަކާއި ސިޔާސަތުތަކަށް ގެނެވުނު ބަދަލުތައް ކަމުގައި ފައްޔާޒް ވިދާޅުވިއެވެ.

"ތަރައްގީ ކުރެވޭނީ މިނިވަންކަމާއެކު ފިކުރު ކުރުމުގެ ފުރުސަތު އެ ރައްޔިތަކަށް އޮތީމާ. އެކަން ތަންމިނަށް މި ހޯދައިދިނީ ހަމަ މި ފަހުރުވެރި ޕާޓީން،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، އެމްޑީޕީއަކީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ހައްލު ހޯދާ ޕާޓީ ކަމަށާއި އެމްޑީޕީގެ ކާމިޔާބުގެ އެންމެ ބޮޑު ސިއްރަކީ އެއީ ކަމަށެވެ.