އެމްޑީޕީގައި ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ ކަމަށާއި ހިޔާލު ތަފާތުވުންތަކާއެކު ވެސް ކުރިއަށް ދާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ކޮންގްރެސް ފެށުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއާއި ދިވެހީންނަށް އުފާވެރި މާދަމާއެއް ގެނެސްދިނުމަށް އެކުވެގެން ދިއްލި އެމްޑީޕީގެ ދަންމަރުގެ އުޖާލާކަން އެންމެ ހިނދުކޮޅަކަށްވެސް ފަނޑުވެ، ނިވުނަ ދީގެން ނުވާނެ ކަމަށެވެ.

"އެމްޑީޕީގައި ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ. އަދި ތަފާތު ހިޔާލުތަކަށްވެސް ޖާގަ އޮންނާނެ. ބައެއް ކަންތައްތަކަކީ އެންމެންނަށް އެއްބަސްވެވޭ ކަންތައްތައް. އަނެއްބައި ކަންތައްތަކަކީ އެއްބަސް ނުވެވޭ ކަންތައްތަކަށް ވެދާނެ. ނަމަވެސް އޮތް ހަމައެކަނި ގޮތަކީ ހިޔާލު ތަފާތުވުންތަކާއި ތަފާތު ހިޔާލުތަކާއެކުގައި ކުރިއަށް ދިއުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލައްކަ އުނދަގުލާއި ދައްޗާއި ތުރާލާއެކު ގިނަ ކަންކަން ހާސިލުވި އިރު، އަދިވެސް ބޭނުންވި ކިތަންމެކަމެއް ނުކުރެވި އެބަހުރި ކަމަށާއި އަދިވެސް ކުރަން އޮތް މަސައްކަތް ގިނަވެފައި ބޮޑު ކަމަށެވެ.

"ކޮންމެ މީހަކުވެސް ދެކޭ ގޮތުގައި މިއީ އެމީހުން އުފެއްދި އެމީހުންގެ ޕާޓީ. މިއީ ހަމަ ތިޔަ ހުރިހާ ބޭފުޅުންގެވެސް ޕާޓީ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަށްވުރެ ވަކިބޮޑު ސިޔާސީ މިލްކިއްޔާތެއް ދިވެހިން އުފައްދައި، ދިރުވާ އާލާކޮށް ދަމަހައްޓާފައެއް ނެތް،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ހިންގުން ލާމަރުކަޒުކޮށް، ރަށްރަށާއި އަތޮޅުތަކުގައި ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް މިހާރުގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެވަނީ އެދެވޭ ބޮޑު ބަދަލެއް ގެންނަވަން ފައްޓަވާފައި ކަމަށާއި އެ ބަދަލުތައް ބަލައިގަނެ މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އެކަމަށްޓަކައި ޗެއާޕާސަން ފައްޔާޒަށާއި ގައުމީ މަޖިލީހުގެ މެމްބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.