ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ދެކޮޅު ބޭފުޅުން ވެސް މިއަދު އެދަނީ ހައްދެއްނެތި އެ ހައްގުގެ ބޭނުން ހިފަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ކޮންގްރެސް ފެށުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ބޭނުންވާ ވާހަކައެއް ލިޔެ، ބުނުމުގެ ފުރިހަމަ މިނިވަންކަން އެބައޮތް ކަމަށެވެ.

"އެއްވެސް ހިފެހެއްޓުމެއް، ހުރަހެއް، ސުމާރެއް ނެތި އެމީހަކަށް ފެންނަ ގޮތަކަށް، ހިތަށް އެރި ވާހަކަ އެއް ލިޔެ، ބުނެ ފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގާ މިހާރު އެބަ އޮތް. މިކަމާ އެއްކޮޅު ބޭފުޅުން އަދި ކީއްކުރަންތޯ، ދެކޮޅު ހެއްދެވި ބޭފުޅުންވެސް، މި ހައްގުގެ ބޭނުން ކުރައްވާ މިންވަރުގައި އަމުދުން މިހާރު ހައްދެއް ނެތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލިބުނު ތަޖުރިބާތަކާއި ކުރެވިފައި ހުރި ކަންކަމާއި ނުކުރެވި ހުރި, ކޮންމެހެން ނިންމަން ޖެހޭ ކަންކަމުގެ މައްޗަށް މިއަދު ވިސްނަން ޖެހޭ ކަމަށާއި މިވަގުތު ކުރަންޖެހޭ އެންމެ މުހިންމު އަދި އަވަސް މަސައްކަތަކީ އެމްޑީޕީ އެމަގުން ދިއުމަށް ކުރަންޖެހޭ ކަންކަން ކުރުން ކަމަށެވެ. އަދި ނިންމަން ޖެހޭ ނިންމުންތަކާއި އެކަށައަޅަންޖެހޭ ސިޔާސަތުތަކާއި ރާވަން ޖެހޭ ރޭވުންތައް ކުރިއަށް ރާވައި އިންތިޒާމުކުރުން ކަމަށެވެ.

"މިދެންނެވި މަރުހަލާ ފަށާއިރު އަޅުގަނޑުމެން ވިސްނާލަންޖެހޭ ވަރަށް މުހިއްމު އެއްކަމެއް އަޅުގަނޑަށް އެބަ ފާހަގަވޭ. އެމްޑީޕީ އުފެދުނު ދުވަހު، ދުނިޔެއަށް އުފަންވި ކުއްޖާ މިއަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެބަ ވޯޓުލާ. އަޅުގަނޑުމެން މިކިޔާ 'ޖެން-ޒީ' މިއަދު އެތިބީ ބަސްބުނާ އުމުރަށް ހިންދެމި، ގާނޫނީ ވަކި ދިވެހި ފަރުދަކަށްވެފައި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ ޖީލުގެ ބޭނުންތަކާއި އުއްމީދުތައް މީގެ 17 އަހަރު ކުރިއާ ވަރަށް ތަފާތު ކަމަށާއި ކަންކަމުގައި ދެކޭގޮތް ވެސް ބަދަލުވެފައިވާ ކަމަށެވެ. އަދި އެ ޖީލަށްޓަކައި މިދުވަސް ހޯދަން އެމްޑީޕީން އޭރު ކުރި މަސައްކަތާއި ދެން ކުރަން އޮތް މަސައްކަތް ހާސް ތަފާތު ކަމަށް ވެސް ވިދާޅުވިއެވެ.