ދައްޗާއި ތުރާލާއެކު ވެސް އެމްޑީޕީއަށް ގިނަ ކަންކަން ހާސިލުވެފައިވާ ކަމަށާއި އަދިވެސް ކުރަން އޮތް މަސައްކަތް ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ކޮންގްރެސް ފެށުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއީ ހުރިހާ ބޭފުޅުންގެވެސް ޕާޓީ ކަމަށާއި އެމްޑީޕީއަށްވުރެ ވަކިބޮޑު ސިޔާސީ މިލްކިއްޔާތެއް ދިވެހިން އުފައްދައި، ދިރުވާ އާލާކޮށް ދަމަހައްޓައިފައެއް ނެތް ކަމަށެވެ.

"ލައްކަ އުނދަގުލާއި ދައްޗާއި ތުރާލާއެކު، ގިނަ ކަންކަން ހާސިލުވި އިރު، އަދިވެސް ބޭނުންވި ކިތަންމެކަމެއް ނުކުރެވި އެބަހުރި. އެއީ ޕާޓީގެ އެތެރޭގެ ހިންގުން ކަމަށް ވިޔަސް، ގައުމަށް ގެންނަށް ބޭނުންވާ ހެޔޮ ބަދަލުތައް ކަމަށް ވިޔަސް. އަދި ކުރަން އޮތް މަސައްކަތް ގިނަވެފައި ބޮޑު،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުގައި މިހާތަނަށް ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު މިހާރު އެދަނީ ކުރިއަށް ކަމަށާއި ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ސާފު ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު ވެސް އެދަނީ ބާރަށް ކުރިއަށް ކަމަށެވެ.

"ހިލޭ ޑިގްރީއަށް ކިޔެވުމަށް މި ސަރުކާރުން ހޯދައިދިން ފުރުސަތުގައި 14000 އަށްވުރެ ގިނަ ދަރިވަރުން އެދަނީ ކިޔަވައި ނިންމަމުން. އަތޮޅުތެރެއަށް ހާއްސަކުރެވޭ ޓާޝަރީ ފަސް ހޮސްޕިޓަލް އެދަނީ ފުރިހަމަވަމުން. ދަތުރުފަތުރުގެ ހަލުވި ވިއުގައިން މުޅި ރާއްޖޭގެ ރަށްތައް އެދަނީ ގަތަމުން ގުޅެމުން. މި ނިޒާމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ބިންގަލަކީ 2019 ވަނަ އަހަރު ޑިސެންބަރުގައި އަމަލުކުރަން ފެށުނު ލާމަރުކަޒީ ގާނޫނު،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ ގަބޫލުކުރާ ހަމަތަކަކާއި އުސޫލުތަކަކާއި ގެންނަން ބޭނުންވާ ބަދަލުތަކެއްގެ މައްޗަށް ކަމަށާއި އެއްކަމަކީ ޖަލުގެ ތޭރިތަކުގެ ބިއްދޮށުން އޭރު އިވެމުންދިޔަ ރުއިމުގެ އަޑު، އަނިޔާވެރިކަން ހައްދު ފަހަނައަޅާ ދިއުން ކަމަށެވެ.