އެމްޑީޕީއަކީ ދިވެހިންނަށް އިންސާފާއި ހަމަހަމަ ކަމާއި ހައްގުތައް ލިއްބައިދިނުމަށް ރޯކުރެވުނު ޑިމޮކްރަސީގެ ދަންމަރު ކަމަށާއި އެ ދަންމަރު ނިވުނަދީގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ކޮންގްރެސް ފެށުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީ ރަޖިސްޓްރީވެގެން ހަރަކާތްތެރިވާން ފެށިތާ 17 އަހަރުވެފައިވާ ކަމަށާއި އެމްޑީޕީ ވުޖޫދުވެ ވާސިލުވުމުގައި ޝާމިލުވާ ގިނަ ދިވެހި ރައްޔިތުންގެ މިންނެތް ބުރަ މަސައްކަތުގެ އަގުކުރުމަކީ އެމަނިކުފާނަށް މުސްތަހީލު ކަމެއް ކަމަށެވެ.

"އެމްޑީޕީއަކީ ދިވެހިންނަށް އިންސާފާއި ހަމަހަމަކަމާއި ހައްގުތައް ލިއްބައިދިނުމަށް ރޯކުރެވުނު ޑިމޮކްރަސީގެ ދަންމަރު. ޒަމާނާއި ވަގުތު ގެނެސްދޭ އޮޔާއި ވައިގެ ސަބަބުން މި ދަންމަރު ކަނިވެ، ނިވުނަ ދީގެން ނުވާނެ. އަދި އެކަން އެހެން ވިޔަދިނުމަކީ އަޅުގަނޑުމެން އެކަކަށް ވެސް އޮތް އިހުތިޔާރެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ ގަބޫލުކުރާ ހަމަތަކަކާއި އުސޫލުތަކަކާއި ގެންނަން ބޭނުންވާ ބަދަލުތަކެއްގެ މައްޗަށް ކަމަށާއި އެއްކަމަކީ ޖަލުގެ ތޭރިތަކުގެ ބިއްދޮށުން އޭރު އިވެމުންދިޔަ ރުއިމުގެ އަޑު، އަނިޔާވެރިކަން ހައްދު ފަހަނައަޅާ ދިއުން ކަމަށެވެ.

"ކުރެވޭ އިޝާރާތަކުން، ބުނެވޭ ބަހަކުން ނުވަތަ ހީވާހީވުމަކުންވެސް މީހާގެ އަޖަލު، އޭނާގެ ދޮރުގައި ޓަކި ޖަހާފާނެ. އެކަމަށް ވަކި އިރެއް ހިނދެއް، މެންދުރެއް އަދި މެންދަމެއްގެ ތަފާތެއް ނެތް. ވަންނާކަށް ވަކި ގެއެއް، ދައްކާކަށް ކޯޓު އަމުރެއް، ފުރިހަމަ ކުރާކަށް ގާނޫނީ އިޖުރާއަތެއް އޭރަކު ނޯވޭ. މިއީ އެދުވަހުގެ ހާލަތު އޮތްގޮތް. ނައްތާލަން ބޭނުންވީ މިދެންނެވި ބިރުވެރިކަން. ބޭއިންސާފާއި ލާއިންސާނިއްޔަތާއި އަނިޔާ. ހަމައެކަނި މި ބަދަލަށް ބެލި ނަމަވެސް އެމްޑީޕީއަށް، މި ޕާޓީއަށް ނިސްބަތްވާ ކޮންމެ މެމްބަރަކަށް ހައްގުވާ ތައުރީފުގެ ކޮޅެއް ނެތް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެއްތަނެއްގައި ހިފަހައްޓައި ޖަމާކޮށް ގުދަންކުރެވިފައިވާ ޒަމާންވީ ސިޔާސީ އަދި އިދާރީ ބާރުތައް ދޫކޮށްލުން، އެއީ އެމްޑީޕީ އުފެދުނު އެއް މަގުސަދު ކަމަށާއި ބޯހިޔާވަހިކަމުގެ ބޮޑު ސުވާލަށް ޖަވާބު ހޯދުމަކީ އޭގެ ކުރިން އެމީހެއްގެ އަމިއްލަ ޒިންމާއެއް ކަމަށެވެ.