އަންނަ އަހަރު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ވަރަށް އަވަހަށް އޮންނާނެ ކަމަށް އެ ޕާޓިން ބުނެފިއެވެ.
އެމްޑީޕީގެ ކޮންގްރެސްއާ ގުޅޭ މައުލޫމާތު ދިނުމަށް ސޯޝަލް ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން މާލީ, އަހުމަދު އަބްދުﷲ ވިދާޅުވީ، ރިޔާސީ ޓިކެޓާ ގުޅޭ އެއްވެސް އިސްލާހެއް ކޮންގްރެސްއަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ކޮންގްރެސްއަށް ފަހުގައި ރިޔާސީ ޕްރައިމަރީއެއް އޮންނާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ ޕްރައިމަރީއެއް ދާދި އަވަހަށް އިރާދަކުރެއްވިއްޔާ އޮންނާނެ ކޮންގްރެސްއަށް ފަހުގައި. ޕްރައިމަރީން ޓިކެޓް އަޅުގަނޑުމެން މިދެނީ," އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.
އެމްޑީޕީން ރިޔާސީ ޓިކެޓް ދޭނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާ ގޮތަށް ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ. އަދި ކޮންގްރެސްގައި އެމްޑީޕީގެ އަސާސީ ގަވައިދަށް އިސްލާހުތަކެއް ގެންނަން ހުށަހަޅާނެ ކަމަށާއި އެގޮތުން ގޮފިތަކާ ބެހޭ އިސްލާހަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރަކަށްވެސް ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ އިސްލާހެއް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅުކުރައްވައިފައިވަނީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ޚަބަރު
ޚަބަރު
ޚަބަރު