އެކަމަނާ އެދިވަޑައިގަންނަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމުގެ ފިކުރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގެންގޮސްދިނުން ކަމަށް ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ހަފުލާއެއްގައި ވާހަކަދައްކަވަމުން ނަހުލާ ވިދާޅުވީ ފަހަކަށް އައިސް ޖުމްހޫރީ ޕާޓީއަށް ގިނަ އަދަދެއްގެ ޒުވާނުންތަކެއް ގުޅެމުން އަންނަ ކަމަށެވެ. ޖޭޕީން ކޮންމެ އިވެންޓެއްގައި ވެސް ދައްކާ ވާހަކައަކީ މެމްބަރުން އިތުރުކުރުމުގެ މުހިންމުކަމުގެ ވާހަކަ ކަމަށާއި އެހެންކަމުން ޕާޓީއަށް އަލަށް ގުޅިވަޑައިގަންނަވާ ޒުވާނުން ކޮށްދޭންވީ ކަމަކީ ޕާޓީއަށް އިތުރު މެމްބަރުން ހޯދުންކަމަށް ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ މުހިންމުކަމާއި އެ ޕާޓީގެ ވިސްނުމާއި ފިކުރަކީ ކޮބައިކަން ގިނަ ބަޔަކަށް އަންގައިދިނުން މުހިންމު ކަމަށެވެ.
"އަޅުގަނޑުމެން ނޭދެން ހަމައެކަނި ފޯމެއް ހަވާލުކޮށްފައި ސޮއިކޮށްލާފައި މި ޕާޓީއަށް މީހުން އިތުރުކުރާކަށް. އަޅުގަނޑުމެން އެދެނީ މި ޕާޓީއާ ގުޅޭ ކޮންމެ މެންބަރެއްގެ ފަރާތުން މެންބަރުން އިތުރުކޮށްދީގެން ޕާޓީގެ މަގުސަދަކީ ކޮބައިކަން ކިޔައިދިނުން. އަޅުގަނޑުމެންގެ މަގުސަދަކީ ފޮޓޯއެއް ނަގާލާފައި ބޯ އިތުރުކުރުމެއް ނޫން. ގާސިމް އިބްރާހީމްގެ ފިކުރަކީ، ޖުމްހޫރީ ޕާޓީގެ ފިކުރަކީ ކޮބައިކަން ރާއްޖޭގެ ކަންކޮޅުތަކައް ތިބޭފުޅުންގެ ފަރާތުން ގެންދިއުން،" ނަހުލާ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީއަކީ އިސްލާމް ދީނަށް ލޯބިކުރާ ޕާޓީއެއް ކަމަށާއި އަދި ހާއްސަކޮށް ޒުވާނުންނަށް އެ ޕާޓީން ފުރުސަތު އޮންނާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ގާސިމްގެ ހިތުގައި އިސްލާމްދީނާއި ދިވެހި ގައުމަށްޓަކައި އޮތް ލޯތްބާއި އެ ޕާޓީގެ ކައުންސިލް މެންބަރުންގެ ވިސްނުމާއި ފިކުރު ހުރިހާ ދިމާއަކަށް ފުޅާކުރުމަށް އެދޭ ކަމަށެވެ.
ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ޖުމްހޫރީ ޕާޓީން ފަށާފައިވާ އިރު، މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ރޭ އެ ޕާޓީން ބޭއްވި "ތައްޔާރު" ޖަލްސާފައި ގާސިމް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އެ ޖަލްސާގައި ގާސިމް ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕާޓީއަށް 30،000 މެންބަރުން ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު