ޚަބަރު

ކުރީގެ މެމްބަރު މުބީން އަލުން ޕީޕީއެމާ ގުޅިވަޑައިގެންފި

މުހައްމަދު އިޝާން

ބިލެތްދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު މުބީން އިދިކޮޅު ކޯލިޝްގައި ހިމެނޭ ޕީޕީއެމްއަށް އަލުން ސޮއިކުރައްވައިފިއެވެ.

މުބީން ޕީޕީއެމްއަށް ސޮއިކުރެއްވީ މިރޭއެވެ. މުބީން ޕީޕީއެމްއަށް ސޮއިކުރައްވައި މެންބާޝިޕް ފޯމް ހަވާލުކުރެއްވީ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެވެ.

މުބީން އެންމެ ފުރަތަމަ މަޖިލީހަށް އިންތިހާބުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި 2014 ވަނަ އަހަރުއެވެ. މުބީން ފަހުން ވަނީ ޕީޕީއެމަށް ސޮއިކުރައްވައިފައެވެ. ނަމަވެސް 2019 ވަނަ އަހަރު މުބީން ވަނީ އަލުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފައެވެ.

މުބީން ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވި އިރު ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއްވެސް ވަނީ އެ ޕާޓީ ދޫކޮށް ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައެވެ. އެއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ރައީސް އަބްދުﷲ ޔާމީން ބަލިވުމުންނެވެ.

މުބީންގެ އިތުރުން މިރޭ ވަނީ ޖުމްހޫރީ ޕާޓީގެ ކެމްޕޭން އެންޑް އިލެކްޝަން ކޮމިޓީގެ ޗެއާ އަބްދުﷲ ހަމީދު ވެސް ޕީޕީއެމަށް ސޮއިކުރައްވައިފައެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއިން ވަނީ ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދައި އިންތިހާބު ކާމިޔާބުކޮށްފައެވެ. ނަމަވެސް ފަހުން ޖުމްހޫރީ ޕާޓީން ވަނީ އެއިރުގެ އިދިކޮޅު އެމްޑީޕީއާ ގުޅިގެން ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކޮށްފައެވެ.