މިއަދު ހަވީރު ކުޅުނު އެފްއޭ ކަޕް ސެމީ ފައިނަލް ފުރަތަމަ މެޗުގައި ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ފައިނަލުގެ ޖާގަ ޔަގީންކޮށްފިއެވެ.
މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން ނަތީޖާ އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ އިތުރު ވަގުތު ކުޅެގެންނެވެ. އިތުރު ވަގުތުގައި މާޒިޔާއިން ދެ ގޯލު ޖަހައި ފައިނަލް ޔަގީންކުރި އިރު، ފައިނަލްގައި ވާދަކުރަން ޖެހޭ ޓީމު އެނގޭނީ މިރޭ ސެމީ ފައިނަލް ދެވަނަ މެޗު ނިމުމުންނެވެ. އެމެޗްގައި ބައްދަލުކުރާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބް ވެލެންސިއާއެވެ.
މިއަދުގެ މެޗުގެ އިތުރު ވަގުތަށް ދަންދެން ގްރީންއިންވެސް ވަރުގަދައަށް ކުޅެފައިވާ އިރު، އެޓީމަށް ނަތީޖާ ނެރެން އެންމެ އުނދަގޫވީ މެޗުގެ ފުރިހަމަ ވަގުތު ނިމެން ދަނިކޮށް، މެޗުގެ 87 ވަނަ މިނެޓުގައި ޓީމުގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އަށް ދެއްކި ރަތް ކާޑާއެކުގައެވެ. ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން ގްރީންއަށް އިތުރު ވަގުތުގައި އުނދަގޫތަކެއް ކުރިމަތިވިއެވެ.
މިއަދުގެ މެޗުގައި މާޒިޔާއިން ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. މާޒިޔާއިން އިތުރު ވަގުތުގައި ލީޑު ނެގީ އަކުރަމް އަބްދުލް ގަނީ (އަކޫ) ޖެހި ގޯލުންނެވެ. މާޒިޔާގެ ކެޕްޓަން، އަސަދުﷲ އަބްދުﷲ (އަސަކޮ) އޭރިއާ ތެރެއިން ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު އަކޫ ޖެހި ބޯޅަ ގޯލަށް ވަނީ ގްރީން ސްޓްރީޓްސްގެ ކީޕަރު ޕާކިސްތާންގެ ހަނީފް ސާގިބް އަތުގައި ޖެހިފައެވެ.
ގްރީން ސްޓްރީޓްސް އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 66 ވަނަ މިނެޓްގައެވެ. އެގޯލު ޖެހީ ހިލޭ ޖެހުމަކުން ރިލޭއެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ރިލޭ ޖެހި ބޯޅަ ގޯލަށް ވަނީ މާޒިޔާ ގޯލު ބެލެހެއްޓި އިޔާން އަބްދުލް އަލީމް (ޗިކީ) އަތުގައި ޖެހިފައެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފު ފެށިގެން އަށް ވަނަ މިނެޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ މާޒިޔާއަށް އަލުން ލީޑު ނަގައިދީފައެވެ. އެއީ ގްރީން ސްޓްރީޓްސްގެ ޑިފެންޑަރަކު ފައިގައި ޖެހިފައި އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން ގޯލުގެ ކައިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ހަމްޕު ޖެހިގޯލެކެވެ.
މާޒިޔާ އިން ތިން ވަނަ ގޯލު ޖެހީ އިތުރު ވަގުތުގެ ދެ ވަނަ ހާފުގައެވެ. އެ ގޯލު ޖެހީ ބަދަލަަކަށް ކުޅެން އެރި މޫސާ ޔާމީން (ޔާމްބެ) އެވެ.
މިފަހަރުގެ އެފްއޭ ކަޕަށް މާޒިޔާ ތައްޔާރުވީ މުޅިން ދިވެހި ސްކޮޑަކާ އެކުގައެވެ. ކޯޗަކީވެސް ކުރިން އެސިސްޓެންޓް ކޯޗަކަށް ކުރި އަހުމަދު ސުޒޭރު (ކޮއްކޮ) އެވެ. މާޒިޔާ އިން ވަނީ 2012 އާއި 2014 ވަނަ އަހަރު އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއީ 2014 ގެ ފަހުން މާޒިޔާ ކުޅޭ ފުރަތަމަ އެފްއޭ ކަޕް ފައިނަލެވެ. އެންމެ ފަހުން އެފްއޭ ކަޕް ފައިނަލެއް ކުޅުނީ 2017 ވަނަ އަހަރުއެވެ.
އެފްއޭކަޕް ދިވެހިރާއްޖެ
އެފްއޭކަޕް ދިވެހިރާއްޖެ
އެފްއޭކަޕް ދިވެހިރާއްޖެ