ޚަބަރު

ހުޅުމާލެއިން އިތުރު 74 ގޯތި ވިއްކަން ހުޅުވާލައިފި

މުހައްމަދު އިޝާން

ހުޅުމާލެއިން އިތުރު 74 ގޯތި ވިއްކަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލެއިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ގޯތި ވިއްކުމަށް 1،095.05 އަކަފޫޓާއި 2،588.14 އަކަފޫޓުގެ ޖުމްލަ 74 ބިން ގަތުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެޗްޑީސީން ބުނީ، ގޯތިގަތުމަށް ބީލަމަށް އެދޭ ފޯމު މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ އެއް ވަނަ ދުވަހާ ހަމައަށް އެ ކުންފުނީގެ އޮފީހުން ލިބެން ހުންނާނެ ކަމަށެވެ. އަދި ބީލަމުގެ އުސޫލުން ދިރިއުޅުމަށް ގޯތި ވިއްކުމާ ބެހޭގޮތުން އަންނަ މަހުގެ ފަސް ވަނަ ދުވަހު މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށްގެންދާނެ ކަމަށްވެސް ބުންޏެވެ.

ބީޗް ފްރޮންޓުން ގޯތި ގަންނަން ބޭނުންވާ ފަރާތްތަކުން ބީލަން ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހު ކަމަށާއި އަތިރިމައްޗާ ކައިރިން ގޯތި ގަންނަން ބޭނުންވާ ފަރާތްތަކުން ބީލަށް ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހު ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ވަނީ މީގެ ކުރިން ހުޅުމާލެ ދެ ވަނަ ފިޔަވަހިން 60 ބިން ވިއްކުމަށް ވެސް ހުޅުވާލައިފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ވިއްކަން އިއުލާނު ކުރި 60 ބިމަށް ބިޑް ކުރުން ވަނީ މިހާރު ނިންމާލައިފައެވެ.

ބީޗް ފްރަންޓަށް ކޮށްފައިވާ އެންމެ ބޮޑު 26 ބިޑު، 2،633.93 އަކަފޫޓޫން ބަލާއިރު 508 މިލިއަން ރުފިޔާ އެޗްޑީސީއަށް ލިބޭނެއެވެ. އަދި ބީޗް ސައިޑަށް ކޮށްފައިވާ އެންމެ ބޮޑު 34 ބިޑު، 2،633.93 އަކަފޫޓޫން ބަލާއިރު 694 މިލިއަން ރުފިޔާ ލިބޭނެއެވެ. މި 60 ބިމުގެ ޖުމްލަ އާމްދަނީއަށް ބަލާއިރު 1.2 ބިލިއަން ރުފިޔާ އެޗްޑީސީއަށް ލިބޭނެކަމަށް ބެލެވެއެވެ.

އެފަހަރު ހުޅުމާލެއިން ބިން ވިއްކަން ހުޅުވާލުމުން އެޗްޑީސީއަށް ވަނީ އާންމުގެ ފާޑު ކިޔުން ވަރަށް ބޮޑަށް އަމާޒުވެފައެވެ. ރައްޔިތުން މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ހުޅުމާލެއިން ބިން ވިއްކުމާ ދެކޮޅު ހައްދަވައިފައެވެ. ނަޝީދު ވިދާޅުވެފައިވަނީ، މާލޭ ސަރަހައްދުގައި ދިރިއުޅޭ އާމްދަނީ މަދު މީހުން ބިން ލިބޭނެ ގޮތެއް ނެތިފައި ވަނިކޮށް، ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުޅުމާލެއިން ބިން ވިއްކުމާ ދެކޮޅަށް ވިދާޅުވެފައިވަނީ، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްނުދީ ހުޅުމާލެއިން ބިން ވިއްކައިގެން ނުވާނެ ކަމަށެވެ.