އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ހ. ޖެހޭވައި އިބްރާހިމް ޝަހީބު އައްޔަން ކުރުމަށާއި، މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ހ. މާލޭތިލަ އަލީ ހުސެއިން ދީދީ އައްޔަން ކުރުމަށާއި، އެމެރިކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް މއ. އަތަމާވިލާ އަބްދުލްޣަފޫރު މުހައްމަދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
މި ތިން ބޭފުޅުންނަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވުމުން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން އެ ބޭފުޅުން އެ މަގާމަށް ހަމަޖެއްސުމަށް ފެނޭތޯ ބެލުމަށް ކުރި ދިރާސާއަށްފަހު އެ ތިން ބޭފުޅުންނާ ބެހޭ ރިޕޯޓު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝަރީފެވެ.
އެ ރިޕޯޓުތަކަށް ވާހަކަދެއްކުމަށް ކޮންމެ ޕާޓީއަކުން މެންބަރަކަށް ފުރުސަތު ދެއްވުމަށްފަހު މިއަދު މެންދުރު 12:00 ގައި ވޯޓަށް އެއްސެވިއެވެ. އެއިން ކޮންމެ ބޭފުޅަކަށް މަޖިލީހުން ރުހުން ދޭން ފާސްކުރީ އެވަގުތު ޖަލްސާގައި ތިއްބެވި 47 މެންބަރުންގެ ތެރެެއިން 46 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އިންޑިއާއަށް ކަނޑައަޅާ ސަފީރުގެ މަގާމަށް، ޝަހީބު ހަމަޖެއްސެވީ މީގެ ކުރިން އެ މަގާމުގައި ހުންނެވި ހުސެއިން ނިޔާޒުގެ ބަދަލުގައެވެ.
ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅާފައި ހުންނެވި ސަފީރުކަމުގެ މަގާމުގައި މީގެ ކުރިން ހުންނެވި ވިސާމް އަލީ ވަނީ އިސްތިއުފާ ދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު