ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްލެޓުތަކުގައި ވިޔަފާރިތަކަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި މަހުގެ ބާވަތްތަކަށް ހާއްސަ ފިހާރަތަކާއި އާންމު މުދާ ވިއްކާ ފިހާރަތަކެއް ހިންގާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފިއެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ވިނަރެސް ފްލެޓުތަކުގައި ކޮމާޝަލް ބޭނުންތަކަށް ކަނޑައަޅާފައި ހުރި ތަންތަނުގައި ކުލި ދައްކައިގެން ވިޔަފާރިކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ވިނަރެސް ފްލެޓުތަކުގައި އާންމު މުދާ ވިއްކަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ޕޯޓަލް މެދުވެރިކޮށް މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން 31 ގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ. އޭގެ އިތުރުން އެޗްޑީސީގެ އޮފީހަށް ވެސް މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އޭގެ އިތުރުން އެތަނުގައި މަސް ފިހާރަ ހުޅުވަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފައެވެ. އޭގެ ކުރިން ޕޯޓަލް މެދުވެރިކޮށް މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ މެންދުރު 1:00ގެ ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ޔުނިޓުތައް ކުއްޔަށް ނެގުމަށް އެދި ޕްރޮޕޯސަލް ހުށަހަޅާއިރު ބިޑް ސެކިއުރިޓީ ވެސް ހުށަހަޅަން ޖެހެއެވެ. ނަމަވެސް ބިޑް ސެކިއުރިޓީއަށް ދައްކަން ޖެހޭ އަދަދެއް އެޗްޑީސީން ހާމަކޮށްފައެއް ނުވެއެވެ.