މިއަދު ފެށި ރައްޔިތުންގެ ދެވަނަ ދައުރަށް ހުށަހަޅަން ސަރުކާރުން ބޭނުންވާ 30 ބިލުގެ ލިސްޓެއް ލިބިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފެށި ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ތިންވަނަ ޖަލްސާ ފެއްޓެވުމަށްފަހު، ރިޔާސަތުން އަންގަވާ ކަންތައްތަކުގެ ގޮތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ އެކި ކޮމިޓީތަކުގައި މިހާރުވެސް 20 ބިލުގެ މަސައްކަތް އެބަ އޮތް ކަމަށެވެ.
އެގޮތުން އިގުތިސާދީ ކޮމިޓީ އާއި އިޖުތިމާއީ ކޮމިޓީ އާއި އެންވަޔަރަންމަންޓް ކޮމިޓީން ކުރެ ކޮންމެ ކޮމިޓީއެއްގައި ދެ ބިލު، ޖުޑިޝަރީ ކޮމިޓީގައި ފަސް ބިލު، ލާމަރުކަޒީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރެ ކޮމިޓީއެއްގައި އެއް ބިލު އެބައޮތް ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި އެންވަޔަރަންމަންޓް ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީ ހިމެނޭގޮތުން އެއް ބިލުގެ މަސައްކަތަކާއި، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީ ހިމެނޭ ޖޮއިންޓް ކޮމިޓީގައި ދެ ބިލާއި އިޖުތިމާއި ކޮމިޓީ އާއި ގައުމީ ތަރައްގީގެ ކޮމިޓީ ހިމެނޭ ޖޮއިންޓް ކޮމިޓީގައި ވެސް ބިލެއްގެ މަސައްކަތް އެބަ އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެއްވެސް ބިލެއްގެ މަސައްކަތް މަޖިލިސް ތަޅުމުގައި ކުރިއަށްގެންދަން އެޖެންޑާ ކޮށްފައެއް ނުވެއެވެ.
މިއަދުގެ އެޖެންޑާގައި އޮތީ ރ. އުނގޫފާރު ބިން ހިއްކުމާ ބެހޭގޮތުން އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމާ ސުވާލުކުރެއްވުމާއި، ހަ ގައުމަކަށް ރާއްޖޭން ކަނޑައަޅުއްވާ ނޮން ރެސިޑެންޓް ސަފީރުކަމަށް އާއިޝަތު ޝާން ޝާކިރު ހަމަޖެއްސުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި މައްސަލަ ކަމާބެހޭ ކޮމިޓީއަށް ފޮނުވުމެވެ.
މީގެ އިތުރުން އެމެރިކާއަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް އަބްދުލް ޣަފޫރު މުހައްމަދު ހަމަޖެއްސުމަށާއި، މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް އަލީ ހުސެއިން ދީދީ ހަމަޖެއްސެވުމަށާއި، އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އިބްރާހިމް ޝަހީބު އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ، މަޖިލީހުގެ ހާރިޖީ ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލިސް ތަޅުމަށް ހުށަހަޅާފައިވާ މައްސަލަތަކަށް ގޮތެއް ނިންމުމަށްވެސް ވަނީ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު