ޚަބަރު

ނަސީރަށް ދައުވާކުރުމާ މެދު ގޮތެއް ނިންމަން ތިން ދުވަސް ދީފި

އަލީ ޔާމިން

އެއްޖިންސުން ގުޅުން ހިންގުމާއި އެކަން ފެތުރުމަށް މަސައްކަތްކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރަށް ދައުވާކުރުމާ މެދު ގޮތެއް ނިންމަން ތިން ދުވަސް ދީފިއެވެ.

ނަސީރުގެ ބަންދަށް ތިން ދުވަސް އިތުރުކޮށް ގާޒީ އަލީ އާދަމް އިއްޔެ ނެރުއްވި އަމުރުގައި ވަނީ މި މުއްދަތު ދިނީ ތުހުމަތުކުރާ މައްސަލައިގައި ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނުވަތަ އެކަމުގައި ނިންމި ގޮތެއް ޝަރީއަތަށް ހުށަހެޅުމަށް ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން ނަސީރު ހައްޔަރުކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެނގިފައިވާ ގޮތުގައި ނަސީރު ހައްޔަރުކުރީ އޭނާ އެއްޖިންސުން ގުޅުން ހިންގަނިކޮށް ނަގާފައިވާ ވީޑިއޯއެއްގެ މައްސަލައިގައެވެ.

ނަސީރު ހައްޔަރުކޮށް އޭނާގެ ބަންދަށް ފުރަތަމަ ޖެހީ ދިހަ ދުވަހެވެ. އޭގެ ފަހުންވެސް ވަނީ އޭނާގެ ބަންދަށް ދިހަ ދުވަސް ޖަހައިފައެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނަސީރު ހައްޔަރުކުރި އިރު، ބަންގްލަދޭޝަންގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަދި ފުލުހުންގެ ވަޒީފާގައި އުޅުނު މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް އަަލަމްގީރު ފިޔަވައި އެހެން މީހުން ވަނީ ބަންދުން ދޫކޮށްލައިފައެވެ. އެ ތިން މީހުންނަށްވެސް ވަނީ ދައުވާކުރަން ފޮނުވައިފައެވެ.