ދެކުނު އޭޝިއާ ސަރަހައްދުގައި ދިރިއުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކަށް ދިވެހިރާއްޖެ އަނެއްކާވެސް ވެއްޖެއެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ދިރިއުޅުމުގެ ހަރަދުތައް ހުންނަ މިންވަރު އަންދާޒާކުރާ ޕްލެޓްފޯމެއް ކަމަށްވާ “ނަމްބިއޯ” އިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކުލި ނުހިމަނައި އެކަނިވެސް މީހަކަށް މަހެއްގެ މައްޗަށް 812 ޑޮލަރު (ގާތްގަނޑަކަށް 12،557 ރުފިޔާ) ހަރަދުވެއެވެ.

ސާކްގެ އެހެން ގައުމުތަކާ އަޅައި ބަލާއިރު ރާއްޖޭގެ ހަރަދުތައް އިންތިހާއަށް ބޮޑެވެ. ރާއްޖެއާ އެންމެ ގާތްކުރާ އަދަދެއް ރެކޯޑުކުރެވިފައިވަނީ ސްރީލަންކާގައެވެ. އެ ގައުމުގައި ބޮލަކަށް މަހަކު 507 ޑޮލަރު ހަރަދުވާއިރު، ބޫޓާނުގައި 387 ޑޮލަރު އަދި އަފްގާނިސްތާނުގައި 381 ޑޮލަރު ހަރަދުވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން، ބަންގްލަދޭޝްގައި 348 ޑޮލަރު، ޕާކިސްތާނުގައި 340 ޑޮލަރު، ނޭޕާލްގައި 335 ޑޮލަރު އަދި އިންޑިއާގައި 313 ޑޮލަރު ހަރަދުވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގައި ދިރިއުޅުމުގެ ހަރަދު މިހާ ބޮޑުވާ މައިގަނޑު ސަބަބެއް ކަމަށް އިގުތިސޯދީ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވަނީ، ރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ބޮޑަށް ބަރޯސާވާ ގައުމަކަށް ވުމާއި، ފަހަކަށް އައިސް ކާބޯތަކެތީގެ އަގުތައް އުފުލުމެވެ. އަދި ޑޮލަރުގެ ކަޅު ބާޒާރުގެ ރޭޓު މަތީގައި ހުރުމަކީވެސް މުދަލުގެ އަގު ބޮޑުވުމަށް މެދުވެރިވާ ސަބަބެއް ކަމަށް ބުނެފައިވެއެވެ.

މި ތަފާސްހިސާބުތަކާ ގުޅިގެން އާންމު ރައްޔިތުންގެ އާމްދަނީއާއި ހަރަދުތަކާ ހުރި ފަރަގު ވަނީ ވަރަށް ބޮޑަށް ހާމަވެފައެވެ. ސިވިލް ސަރވިސްގެ މުވައްޒަފުންގެ އެންމެ ކުޑަ އުޖޫރައަކީ 7،000 ރުފިޔާ ކަމަށް ވާއިރު، އަސާސީ ހަރަދުތަކަށް އެކަނިވެސް 12،000 އަށްވުރެ ގިނަ ރުފިޔާ ބޭނުންވުމަކީ އާންމުންނަށް އޮތް ވަރަށް ބޮޑު މާލީ ތަކުލީފެއް ކަމަށް ފާހަގަކޮށްފައިވެއެވެ. މީގެ ސަބަބުން ގިނަ އާއިލާތަކުން އާމްދަނީގެ ބޮޑު ބައެއް ކުއްޔާއި ކާބޯތަކެއްޗަށް ހޭދަކުރަން މަޖުބޫރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ދައްކައެވެ.