ޚަބަރު

ރާއްޖެ އިޝްތިހާރުކުރަން 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރި، ގެނެވުނީ އެއް މިލިއަން ޓޫރިސްޓުން!

މުހައްމަދު ޖަމްޝަތް ވަހީދު

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް 105.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ހާމަކޮށްފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ވަން" ގެ ނޫސްވެރިން އެދިގެން އެމްއެމްޕީއާރުސީން ހާމަކުރި މައުލޫމާތަށް ބަލައި އިރު މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ރާއްޖެއިން ބައިވެރިވި ޓޫރިޒަމް ފެއާތަކާއި ރޯޑްޝޯތަކަށް 45.5 މިލިއަން ރުފިޔާ ދައުލަތުން ވަނީ ހަރަދުކޮށްފައެވެ. އަދި ޓޫރިޒަމާ ގުޅޭ އެހެނިހެން ޕްރޮމޯޝަންތަކަށާއި އިޝްތިހާރުކުރުމަށް 59.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މިދިޔަ އަހަރު ރާއްޖެ ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީން ހަރަދުކުރީ 135 މިލިއަން ރުފިޔާއެވެ. އަދި 2020 ވަނަ އަހަރު ހަރަދުކުރީ 70 މިލިއަން ރުފިޔާއެވެ. އެކުންފުނިން ފޯރުކޮށްދިން ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރުމަށް ފާއިތުވި ދެ އަހަރާއި މި އަހަރުގެ ފުރަތަމަ ހަތް މަސްދުވަހަށް ޖުމްލަ 309.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް މިދިޔަ އަހަރު އެމްއެމްޕީއާރުސީއަށް ބަޖެޓުކުރީ 154.2 މިލިއަން ރުފިޔާ ބަޖެޓު ކުރިނަމަވެސް މި އަހަރުގެ ބަޖެޓުން ދޭން ކަނޑައަޅާފަައިވަނީ 124.2 މިލިއަން ރުފިޔާއެވެ. މި ބަޖެޓަކީ ރާއްޖެ އިޝްތިހާރު ކުރުމަށް އެ ކުންފުނިން ބައިވެރިވާ ފެއާތަކާއި ރޯޑްޝޯތަކަށް ހޭދަ ކުރާނެ ބަޖެޓެވެ. ރާއްޖެ އިޝްތިހާރު ކުރުމަށް ބޭރުގެ ނޫސްވެރިންނާއި ބްލޮގަރުންނަށް ދޭ ފޭމް ޓްރިޕްތަކަށް ވެސް ހަރަދު ކުރާނީ އެ ބަޖެޓުންނެވެ.

މިއަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް 50 ފުރޭ އަހަރަށްވާއިރު ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތައް ޕްރޮމޯޓު ކުރުމަށް ގިނަ ޕްރޮމޯޝަނަލް ހަރަކާތްތަކެއް ކުރިއަށްގެންދާނެ ކަމަށް ބަޖެޓު ފޮތުގައިވެސް ވަނީ ބުނެފައެވެ. އެކަމަށްޓަކައި ސަރުކާރުން ކުރިއަށްގެންދިޔަ ހަރަކާތްތަކުން އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 1،014،138 ގައެވެ.

ޓޫރިޒަމް ސިނާއަތުން އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު އެތައް ބިލިއަން ރުފިޔާ އިތުރުވެފައެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި އެކަނިވެސް ފާއިތުވި ޖުލައި މަހުގެ ނިޔަލަށް 4.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ގްރީން ޓެކުހަށް އެ މުއްދަތުގައި 608 މިލިއަން ރުފިޔާ ލިބުނު އިރު، ޑިޕާޗާ ޓެކްސްގެ ގޮތުގައިވެސް 53 މިލިއަން ރުފިޔާ ވަނީ ލިބަފައެވެ. މިއީ ސީދާ ޓޫރިސްޓުގެ އަތުން ނަގާ ޓެކުހުން ލިބުނު އާމްދަނީއެވެ. ރިސޯޓުތަކުގެ ބިމު ކުއްޔާއި ވިޔަފާރި ފައިދާއިން ދައުލަތަށް ލިބުނު އާމްދަނީ ވެސް މިއަހަރު އެތައް ގުނައަކަށް ވަނީ އިތުރުވެފައެވެ.

އެމްއެމްޕީއާރުސީން ހާމަކުރި މައުލޫމާތަށް ބަލާއިރު މިއަހަރުގެ ޖެނުއަރީން ފެށިގެން ސަރުކާރުން ވަނީ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ބޭރު ގައުމުތަކުގައި ޖުމުލަ 69 ކެމްޕެެއިން ހަރަކާތެއް ހިންގައިފައެވެ. އޭގެެ ތެރެއިން 13 ކެމްޕޭނެއް އަދިވެސް ކުރިއަށްދާއިރު 30 ބައިނަލްއަގުވާމީ ޓޫރިޒަމް ފެއާ އެއްގައި ރާއްޖެއިން ވަނީ ބައިވެރިވެފައެވެ. އަދި ތިން ރޯޑްޝޯ އަކާއި ހަ ވާޗުއަލް ހަރަކާތެއްގެ އިތުރުން ބައިނަލްއަގުވާމީ މީޑިއާ އަހުލުވެރިކުރުމުގެ 15 ހަރަކާތެއް ރާއްޖެއިން ބޭރުގައި ވަނީ ހިންގައިފައެެވެ. އޭގެ އިތުރުންވެސް ޓޫރިޒަމް ޕްރޮމޯޓުކުރުމުގެ އިތުރު ހަރަކާތްތަކުގެ ގޮތުގައި ހަ އިވެންޓެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ޖުމުލަ 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. އެ އަމާޒަށް ވުރެ އިތުރަށް މިއަަހަރު ޓޫރިސްޓުން ގެނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.