ޚަބަރު

ގްރީން ޓެކްސް އިސްލާހު މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އަލީ ޔާމިން

އެންމެފަހުން ތަސްދީގުކުރި ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ގްރީން ޓެކްސް ނެގުން މެދުކެނޑިފައިވާތީ އެ މައްސަލަ ހައްލުކުރަން ގާނޫނު އިސްލާހު ކުރާ ބިލުގެ މަސައްކަތް ނިންމުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން ތައްޔާރުވެއްޖެއެވެ.

މިދިޔަ ޖޫން މަހުގެ 30 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، މިދިޔަ މަހުގެ ތިންވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި 11 ވަނަ އިސްލާހުގައި ބުނެފައިވަނީ ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެހެންކަމުން މިހާރު އެ ގާނޫނުގައި އޮތް ގޮތުން މިއަހަރުގެ ބާކީ އޮތް މުއްދަތުގައި ގްރީން ޓެކުހެއް ނުނެގޭނެއެވެ.

ސަރުކާރުގެ އޮފިސަރަކު "ވަން" އަށް މިއަދު ބުނީ، މަޖިލީހުގެ ޖަލްސާތައް ފެށުމާއެކު އެ ބިލު މަޖިލީހުގެ ތަޅުމުގައި އޮންނާނެ ކަމަށެވެ. އަދި އެކަމުގެ ތައްޔާރީތައް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށަން ތާވަލުކުރީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް މަޖިލިސް ފަށާނެ ކަމަށް ދެން ބެލެވެނީ އަންނަ ހަފުތާގައެވެ.

ގްރީން ޓެކުހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ދައުލަތަށް ބޮޑު އާމްދަނީއެއް ލިބެއެވެ. އެގޮތުން މިއަހަރުގެ ޖޫން މަހާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީގެ 4.8 ޕަސަންޓަކީ ގްރީން ޓެކުހެވެ. އެ މުއްދަތުގައި ގްރީން ޓެކުހުން ދައުލަތަށް ވަނީ 547 މިލިއަން ރުފިޔާ ލިބިފައެވެ. އެހެންކަމުން، ގްރީން ޓެކުހުން ދައުލަތަށް މިއަހަރު ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީން 300-400 މިލިއަން ރުފިޔާ މަދުވާނެ ކަމަށް ބެލެވެއެވެ.

ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ކޮންމެ ޓޫރިސްޓެއްގެ އަތުން ރެއަކާއި ދުވާލަށް ހަ ޑޮލަރެވެ. ރަށްރަށުގައި ހަދާފައިވާ 50 ކޮޓަރިއަށް ވުރެ ކުދި ތަންތަނުން ނަގާނީ ތިން ޑޮލަރެވެ.