ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސިވިލް ކޯޓަށް ގާޒީއަކު ހޯދަން އިއުލާންކޮށްފިއެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ގާޒީކަމަށް ކުރިމަތިލާން ވާނީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގުރީ ހާސިލުކޮށް، ގާޒީކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެކަމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް ކަމަށެވެ.

ގާޒީކަމަށް ކުރިމަތިލާ އިރު، ޝަރުއީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ އާއި ގާނޫނީ ވަކީލެއްގެ ގޮތުގައި ކޯޓުތަކުގައި ވަކާލާތުކޮށްފައިވާކަން ނުވަތަ ކުރަމުންދާކަން އެނގޭނެ ކޯޓުގެ ރަސްމީ ލިޔުމެއް ވެސް ހުށަހަޅަން ޖެހެއެވެ.

ގާޒީކަމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަން އެނގޭނޭ އިލެކްޝަންސް ކޮމިޝަންގެ ލިޔުމެއް ވެސް ހުށަހަޅަން ޖެހެއެވެ. އަދި ލޯ ފާމެއްގެ ނުވަތަ ގާނޫނީ މަސައްކަތެއް ކުރާ އެއްވެސް ވިޔަފާރިއެއް ކުރާނަމަ ނުވަތަ އެފަދަ ތަނެއްގެ ހިއްސާދާރަކަށްވާ ނަމަ އެކަން އެނގޭނެ ލިޔުން ހުށަހަޅަންވާނެ ކަމަށެވެ.

ޖޭއެސްސީން ބުނީ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހެއް ކަމުގައި ވެގެންނުވާނެ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

މީގެ އިތުރުން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމުގެ އިތުރުން ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ އަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމްކުރެވި އެ ހުކުމް ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހެއްކަމުގައި ވެގެންނުވާނެ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

މީގެ އިތުރުން ގާޒީކަމަށް ކުރިމަތިލާ ފަރާތަކީ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައި ވާން ޖެހޭއިރު އެ މީހަކީ ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ވެސް ވެގެން ނުވާނެއެވެ.

ސިވިލް ކޯޓުގެ ގާޒީއަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާ އާއި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 1,650 ރުފިޔާއާ އެކު ޖުމްލަ 46،650 ރުފިޔާ ލިބޭނެއެވެ.

ސިވިލް ކޯޓަށް ގާޒީއަކު ހޯދަން އިއުލާންކޮށްފައި މިވަނީ ކުރިން ކޯޓުގެ ގާޒީކަމުގެ ހުންނެވި ޒުބައިރު މުހައްމަދު، މިދިޔަ މަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.