ބަރުލަމާނީ މަސައްކަތުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ތާއީދުކުރެއްވުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ބަރުލަމާނީ ގެންނަން އެންމެންގެ ތާއީދުވެސް ބޭނުންވާ ކަމަށެވެ. އެގޮތުން ފައްޔާޒްގެ ތާއީދުވެސް އެކަމަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
"ފައްޔާޒް އަޅުގަނޑުމެންނަށް ތާއީދު ކުރުމަކީ ވަރަށް ވަރަށް އެދޭ ކަމެކޭ" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓު މިއަހަރުގެ ތެރޭގައި ނެގިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކު ބަރުލަމާނީ ނިޒާމު ރާއްޖޭގައި މަސައްކަތް ކުރަން ފަށާނެ ކަމަށާއި އަންނަ އަހަރުގެ ފެބްރުއަރީން ފެށިގެން ބަރުލަމާނީގެ އިންތިގާލީ މަރުހަލާ ފެށޭނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމާމެދު ގޮތެއް ނިންމަން އެމްޑީޕީގެ ކޮންގްރެހަށްވެސް ހުށަހަޅުއްވާފައެެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ދުވަސްވަރު ރައީސް ނަޝީދު ވަނީ ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނަމަވެސް ރައީސް ނަޝީދު މިފަހުން ވަނީ ފައްޔާޒާ ދެކޮޅަށް ނުކުމެވަޑައިގެންނެވުނީތީ ހިތާމަ ކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ފައްޔާޒާއެކުގައި މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދަކީ ޒަމާނުއްސުރެ ބަރުލަމާނީއަށް ތާއީދުކުރައްވާ ބޭފުޅެކެވެ. ރައީސް ނަޝީދުގެ އިތުރުން އިދިކޮޅު ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ތާއީދުކުރައްވަނީ ބަރުލަމާނީ ނިޒާމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު