އުމުރާނީ ގޮތުންނާއި އިގުތިސޯދީ ގޮތުން ށ. ފީވަކު ތަރައްގީވާން ފަށާފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ރައީސް ސޯލިހާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ފީވަކު ކައުންސިލުން ބުނީ، އެރަށް އުމުރާނީ ގޮތުންނާއި އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ތަރައްގީވާން ފަށާފައި ވަނީ މިސަރުކާރުގެ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ކަމަށެވެ.
ފީވަކުގެ ތަރައްގީއަށްޓަކައި ވައުދުވެވަޑައިގެންނެވި ހަމައެކަނި ވެރިއަކީ ރައީސް ސޯލިހު ކަމަށެވެ. އަދި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ތަރައްގީގެ މަޝްރޫއުތައް ހިނގަމުންދާ ކަމަށާއި އަދި ބައެއް މަޝްރޫއުތައް މިހާރު ނިމިފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ކައުންސިލްތައް އުފެއްދުމަށްފަހުގައި، ފީވަކުގެ ތަރައްގީއާ ގުޅޭގޮތުން ރައީސަކާ ބައްދަލުކުރުމުގެ ފުރުސަތެއް މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ލިބިފައި ނެތް ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި ފީވަކު ކައުންސިލުން ވަނީ، މިހާރު އެ ރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަންވެސް ރައީސާ ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި އެރަށުގައި މޫދަށް އެރޭނެ ސަރަހައްދެއް ނެތުމާއި ރަށްގިރުމުގެ މައްސަލަ ހިމެނެއެވެ.
އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ސަރުކާރުން ފީވަކުގައި ކުރިއަށްގެންދާ ކަންކަން ފީވަކުގެ ރައްޔިތުން ބަލައިގެންފައިވުމުން އެކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ. އަދި ވަނީ ފީވަކުގައި މޫދަށް އެރޭނެ ސަރަހައްދެއް ކަނޑައަޅައި އެސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތާއި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ ކަންކަން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި ބައްލަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.