ޚަބަރު

ނަޝީދު މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވަނީ

މުހައްމަދު އިޝާން

ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

އެމްޑީޕީން މިއަދު ބުނީ، ނަޝީދު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 11 ޖަހާއިރު، އެ ޕާޓީގެ އޮފީހުގައި ކަމަށެވެ.

ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ އިން ބޭރުގައި ހުންނެވުމަށް ނަޝީދު ވަނީ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފައެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވަން ނަޝީދު ނިންމެވި އިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނާ ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ނަޝީދާއި ރައީސް ސޯލިހުގެ ގުޅުން މިފަހުން ހީނަރުވެފައިވަނީ، ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރުމުންނެވެ. އެގޮތުން ނަޝީދު ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސީރިއަސް ތުހުމަތެއްވެސް ކުރައްވައިފައެވެ.

އެގޮތުން ނަޝީދު ވަނީ ރައީސް ސޯލިހު ބަދުއަހުލާގީ އަމަލު ހިންގަވާ މަންޒަރު ފެންނަ ފޮޓޯތަކެއް ލިބިފައިވާ ކަމަށާއި އަދި އެ ފޮޓޯ ފުލުހުންނާ ހިއްސާ ކުރަންވިތޯ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެފް ގުރޫޕުގައި ވިދާޅުވެފައެވެ. އަދި ނާޒިމް ހައްޔަރުކުރީ ސަރުކާރު ކޯލިޝަންގެ ތެރޭގައި ތިބި ހަރުކަށިފިކުރުގެ މީހުން ރުއްސަން ކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން އެމްޑީޕީ މިމަހު ބާއްވާ ކޮންގްރެސްއަށް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ވެސް ހުށަހަޅުއްވައިފައެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގާނޫނުއަަސާސީ އާއި ގާނޫނުތަކަށް އިސްލާހު ގެނައުމަށް އެމްޑީޕީ އިގުރާރުވުމަށްޓަކައި ރައީސް ނަޝީދު ޕާޓީ ކޮންގްރެސްއަށް ހުށަހަޅުއްވި އިސްލާހުތަކުގައި ވަނީ، ސަރުކާރުގެ އެންމެ އިސް ވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިހާބު ކުރާ ބޮޑުވަޒީރު ކަމުގައި ކަނޑައެޅުމަށާއި ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައެޅުމަށެވެ. ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ އިންތިހާބުގެ ވޯޓުގައި އެންމެ ގިނަ ވޯޓު ލިބޭ މީހާ ކަމުގައި ކަނޑައެޅުމަށްވެސް ހިމަނާފައިވެއެވެ.

ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ބާރުތަކާއި ބޮޑުވަޒީރަކު ސަރުކާރު ހިންގާ އިރު، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތަކާއި އަދާކުރަންޖެހޭ މައްސޫލިއްޔަތުތައް ކަނޑައެޅުމަށްވެސް ހިމަނާފައިވެއެވެ.