މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ކުށުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ/ އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
އާތިފުގެ މައްޗަށް މަނީ ލޯންޑަރިން އާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ކުށުގެ ދައުވާ އުފުލީ، އެފްއައިޔޫގެ އިސްވެރިޔާގެ މަަގާމުގައި އޭނާ ހުންނެވި އިރު، އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑަރިންއަށް ޝައްކު ކުރެވޭ މުއާމަލާތެއް، ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ނުގެނައި މައްސަލައިގައެވެ.
އެ މައްސަލައިގައި މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ އެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ މައްސަލައެއް ކަމަށް ވިދާޅުވެފައެވެ.
ޝަކީލް ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ހުށަހަޅަން އާތިފަށްވެސް އަދި ދައުލަތަށްވެސް ދިހަ ދުވަސް ދެއްވައިފައެވެ. އެ ދިހަ ދުވަސް ގުނާނީ މާނަކުރުމުގެ ގާނޫނުގައި ބުނާ ގޮތަށެވެ.
މި މައްސަލައިގައި އާތިފާ ދެކޮޅަށް ދައުލަތުން ވަނީ 12 ހެއްކެއް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ސިއްރު ހެކިންވެސް ހިމެނެއެވެ. އާތިފްގެ ފަރާތުން ވަނީ ސިއްރު ހެކިން ހާމަކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް އެދިފައެވެ. ނަމަވެސް ގާޒީ ޝަކީލް ވިދާޅުވީ، އެކަމަށް އެދެން ޖެހޭ މަރުހަލާ މިހާރު ނިމިފައިވާ ކަމަށެވެ.
އާތިފު، އެފްއައިޔޫގެ އިސްވެރިޔާގެ މަގާމު އަދާ ކުރެއްވީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަމުގައި 4 ނޮވެމްބަރު 2014 އިން ފެށިގެން 21 ޖޫން 2015ގެ ނިޔަލަށެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ޖަހާއިރުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު