އަންނަ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.
މިއަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަހެވެ.
ރައީސް އޮފީހުން މިއަދު ބުނީ މިއަހަރަކީ ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރާ އަހަރު ކަމަށްވުމާއެކު، މިއަހަރު އެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަން އަންނަ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަސް، ސަރުކާރު ބަންދުކުރަން ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވާފައިވާ ކަމަށެވެ.
އެހެންވެ، އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ހަމަޖައްސަވާފައިވާ ކަމަށް ބުންޏެވެ.