ނ. މަނަދޫގައި ހައުސިން ޔުނިޓުތަކެއް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން މަނަދޫގައި 40 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ މަސައްކަތް މިއަދު ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަހްމަދު ވިޝާން ނަސީމެވެ. އަދި ދޮންބޭޒްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަންސް އަލީ ހަމްދޫނެވެ.

މަނަދޫގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގައި، ކޮންމެ ޔުނިޓެއްގައި 700 އަކަފޫޓު ހުންނާނެ ކަމަށާއި ޔުނިޓެއްގައި ހިމެނެނީ ތިން ކޮޓަރި އާއި ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯ ރޫމް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށް، ޔުނިޓުތައް ވަށައިގެން އަލިކުރުމަށް ނިންމާފައިވާ އިރު، ޕާކަކާއި ޕާކިން އޭރިއާއެއް ވެސް ގާއިމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއުގެ މަސައްކަތް ދޮންބޭޒްއާ ހަވާލުކޮށްފައިވަނީ 40.3 މިލިއަން ރުފިޔާއަށެވެ. މިއީ މިއަހަރަށް ކަނޑައެޅި ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރުމަށް ނިންމާފައިވާ މަޝްރޫއެކެވެ. މި މަސައްކަތް 270 ދުވަހުގެ ތެރޭގައި ނިންމައި ހަވާލުކުރަންޖެހެއެވެ.