ރާއްޖެއަށް މަަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުވާ ސްރީލަންކާގެ ޑްރަގް ޑީލަރެއް ދުބާއީ އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.
ސްރީލަންކާގެ ނޫސްތަކުގައިވާ ގޮތުގައި، ނަދުން ޗިކްތަކާ ވިކްރަމަރަޓޭން ނަމަކަށް ކިޔާ އެމީހާ ހައްޔަރު ކުރީ ލަންކާގެ ފުލުހުންގެ ނާކޮޓިކްސް ބިއުރޯ އާއި ބައިނަލްއަގުވާމީ ފުލުހުންގެ އިދާރާތަކާ ގުޅިގެން ހިންގި ސިއްރު އޮޕަރޭޝަނެއްގައި މެލޭޝިއާއަށް ފުރަން ގޮސް ހުއްޓައި ދުބާއީގެ އެއާޕޯޓުންނެވެ.
ދުބާއީގެ ބައެއް ނޫސްތަކުގައިވާ ގޮތުގައި ނަދުން ވަނީ ފްރާންސުން ހިމާޔަތް ހޯދައިފައެވެ.
ލަންކާގެ ނޫހެއް ކަމަށްވާ ކޮލަމްބޯޕޭޖުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ނަދުން ލަންކާއިން ފިލީ ވަގު ޕާސްޕޯޓެއްގައެވެ. އަދި އެ ޕާސްޕޯޓުގައި އޭނާ އެންމެ ފަހުން ދަތުރުކޮށްފައިވަނީ ރާއްޖެއަށް ކަމަށް ބުނެފައިވެއެވެ.
އެ ނޫހުގައިވާ ގޮތުގައި ގިނަ ގައުމުތަކަކަށް ޑްްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުކުރެވޭ ނަދުން ވަނީ މެލޭޝިއާ، ސިންގަޕޫރު، ސީޝެލްސް އަދި ރާއްޖެއަށް މަސްތުވާތަކެތީގެ ވިޔަފާރިކޮށްފައެވެ. އަދި އެކަން އޭނާ ކުރަނީ ދުބާއީގައި ހުރެގެން ކަމަށްވެސް ބުނެފައިވެއެވެ.
ލަންކާގައި މި ފަހުން ހިންގި ބަޑިޖެހުމުގެ 20 ހާދިސާއެއްގެ ފަހަތުގައި ވެސް ހުރި މީހަކީ ވެސް ނަދުން ކަމަށް ލަންކާގެ ފުލުހުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.