ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގާނޫނާއި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރި ކަމަށް ބެލެވޭ ބޭރުގެ ދެ ބޯޓު ހިފަހައްޓައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، އެ ދެ މަސް ބޯޓު ހުއްޓުވީ މިއަދު ހެނދުނު ކަމަށެވެ.

އެ ދެ ބޯޓު ހިފެހެއްޓާފައިވަނީ ކޯސްޓްގާޑު ޝިޕް "ހުރަވީ" އިން ކުރަމުން ދިޔަ ޕެޓްރޯލެއްގެ ތެރެއިންނެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރި ބޭރުގެ ދެ ބޯޓު އަތުލައިގެންފައިވާ އިރު، އެ ބޯޓުތަކަކީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓުތަކެއްކަމެއް އެމްއެންޑީއެފުން ނުބުނެއެވެ. އަދި އަދި އެ ބޯޓުތައް ހިފެހެއްޓި ސަރަހައްދެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދޭތެރެ ދޭތެރެއިން ބޭރުގެ މަސް ބޯޓުތައް ފެނެއެވެ. އެގޮތަށް ހުއްދަ ނުހޯދައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ މަސް ބޯޓުތައް ޖޫރިމަނާކުރެވޭ ގަވައިދަށް މިމަހުގެ ތެރޭގައި ވަނީ އަމަލުކުރަން ފަށައިފައެވެ.