އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދު (ޝިއާ)ގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ރިޕޯޓު ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް ފުލުހުން ބުނެފިއެވެ.
ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޝިއާއުގެ ގާތް މީހަކު "ވަން" އަށް މީގެ ކުރިން ބުނީ އޭނާގެ ޕޯސްޓުމޯޓަމް މިހާރު ހަދާފައިވާ ކަމަށާއި ރިޕޯޓު އިއްޔެގެ ވަގުތެެއްގައި ލިބޭނެ ކަމަށެވެ.
އެހެން ނަމަވެސް ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ޝިއާއުގެ ޕޯސްޓުމޯޓަމް ރިޕޯޓު ލިބޭނެ ސީދާ ތާރީހެއް ބުނަން ދަތި ކަމަށެވެ. އަދި މަރުގެ މި މައްސަލައާ ގުޅޭ މައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝިއާއުގެ ހަށިގަނޑު ރާއްޖެ ގެނައީތޯ ސުވާލުކުރުމުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މިމަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުރި އެޕާޓުމަންޓެއްގެ ތެރެއިންނެވެ. ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުން ވަނީ އަލީ ޝާހިލް، 23، ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޝިއާއު މަރާލައިފައި އޮއްވައި ފެނުނު އެޕާޓްމަންޓްގެ ތެރެއިންނެވެ. ތިން ކޮޓަރީގެ އެ އެޕާޓުމަންޓަކީ ޝާހިލްގެ އިތުރުން އޭނާގެ ރައްޓެހި އަންހެނަކާއި އޭނާގެ ލޯބިވެރިޔާ އުޅޭ އެޕާޓުމަންޓެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޝިއާއުގެ މަރުގެ ތުހުމަތު ވަނީ ޝާހިލަށް އެކަންޏެވެ. ޝިއާއު މަރާލަން ބޭނުންކުރި ބައެއް ހަތިޔާރު އެ އެޕާޓްމަންޓުން ފެނިފައިވާ އިރު، މަރުގެ ތުހުމަތުވާ ޝާހިލް ވަނީ ޝަރީއަތް ނިމެންދެެން ބަންދުކޮށްފައެވެ،
"ވަން" އަށް އެނގިފައިވާ ގޮތުގައި ޝިއާއު ހަށިގަނޑު ފެނުނުއިރު އޭނާގެ ބޯ އޮތީ ވަކިކޮށްލައިފައެވެ. އަދި އަތާއި ފައިވެސް ބުރިކޮށްލައިފައިވާކަން އެނގިފައިވެއެވެ.