ޚަބަރު

ގޮންޖެހުންތަކުން އަރައިގަނެ، ލަނޑުދަނޑިތައް ހާސިލުކުރުމަށް ޒުވާނުންގެ ދައުރު މުހިންމު: ނައިބު ރައީސް

ރިފާ ހަލީލު

ގޮންޖެހުންތަކުން އަރައިގަނެ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ޒުވާނުންގެ އާބާދީގެ ދައުރަކީ މުޅި ދުނިޔެއަށްވެސް ވަރަށް މުހިއްމު ދައުރެއް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޔޫތު މިނިސްޓްރީ އާއި ކުޅުދުއްފުށީ ސިޓީކައުންސިލާއި ރާއްޖޭގައި ހުންނަ އދ ގެ އޮފީސް ގުޅިގެން، ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމާއި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ ކޮވިޑް-19 އިން އަރައިގަނެ ކުރިޔަށް ދިޔުމަށް މަސައްކަތް ކުރާއިރު، މުޖުތަމުގެ ވިސްނުންތަކާއި އެކު ކަންކަން ނިންމުމުގައި ޒުވާނުންގެ ދައުރެއް އޮތުމަކީ މުހިއްމުކަމެއް ކަމަށެވެ. އަދި އެކަމުގައި އޮތް ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެ މަސައްކަތް ކުރަން ޖެހޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ، ޒުވާނުން. އެހެންކަމުން ތަރައްގީގެ ކޮންމެ މަރުހަލާއެއްގައި ވެސް އެ މީހުން ޝާމިލުކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް. އަދި ރާއްޖޭގެ ތަރައްގީގެ މަސައްކަތުގައި، ރާއްޖޭގެ ޒުވާން އާބާދީ އަދާކުރާ ދައުރަކީ، ޝައްކެއްވެސްނެތްގޮތުގައި، ވަރަށް މުހިންމު ދައުރެއް." އެމަނިކުފާނު ވިދާޅުވިއެވެ.

ފައިސަލް ނަސީމް ވިދާޅުވީ ރާއްޖޭގެ ސިވިލް ސާވިސްގައި އެގާރަހާހަށް ވުރެ ގިނަ ޒުވާނުން ވަޒީފާއަދާކުރަމުންދާކަމަށާއި، އިތުރު އެތައް ޒުވާނުންނެއް ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ޒުވާނުންގެ ފަރާތުންވެސް ނަމޫނާ މަސައްކަތްތަކެއް ފެނިގެން ދިޔަ ކަމަށާއި އެމަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ޒުވާނުންގެ އާބާދީއަކީ ރާއްޖޭގެ މުސްތަގުބަލަށް އުންމީދީ އާބާދީއެއްކަން ހާމަވެގެން ގޮސްފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، މާދަމާގެ މުސްތަގުބަލަށްޓަކައި އެންމެ މުހިއްމު ކަމަކީ، ޒުވާނުން ބާރުވެރިކުރުން ކަމަށާއި، ޒުވާނުންނަށް ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ހޯދައިދީ، ޒުވާނުންނަކީ ގާބިލް ބަޔަކަށް ހެދުންކަމަށެވެ. އަދި މިކަމަކީ އެންމެން އެއްބައިވެ އެކުގައި މަސައްކަތް ކުރަންޖެހޭ ކަމެއްކަމުގައި ވެސް އެމަނިކުފާނުވިދާޅުވިއެވެ. އަދި މިވަގުތު ދިވެހިގައުމު ބޭނުން ވަނީ އެންމެން އެކުވެ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ޒުވާނުންގެ އާބާދީގެ 53 ޕަސެންޓަކީ ބިދޭސީން ކަމަށް ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ. ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ، ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 12 ވަނަ ދުވަހެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިއާރަކީ، "ޖީލުތަކުގެ އެއްބައިވަންތަކަން، ހުރިހާ އުމުރުފުރައަކާއި ގުޅޭ ދުނިޔެއެއް ބިނާކުރުން"އެވެ.