މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނަތް ހިންގާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި މުޅި ދައުލަތް ބައިވެރިވެގެން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރުކަން ވެސް ކުރައްވާ ޔާމީން ގިނަ އަހަރުތަކަކަށްފަހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އެމަނިކުފާނަށް އެކަން އެނގިވަޑައިގެންނެވި ހިސާބުން ފިޔަވަޅު އެޅުއްވި ކަމަށެވެ. ޔާމީން ވިދާޅުވީ އެ ހިޔާނާތުގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ޖެހޭ ކަމަށާއި ނަމަވެސް މި ސަރުކާރުން އެކަން ކޮށްފައިވާ ކަމެއް މިހާތަނަށް ސާފު ނުވާ ކަމަށެވެ.
"ދެން އަޅުގަނޑު މިރޭވެސް ކަށަވަރުކަން އަރުވާނަން އަޅުގަނޑުމެންނަށް ސަރުކާރު ލިބިއްޖެނަމަ އަޅުގަނޑުމެންގެ މަގުސަދަކަށް ވާނީ މީގަ އުޅޭ މީހުންނަށް އަދަބު ދިނުމެއް ނޫން. އަޅުގަނޑުމެންގެ މަގުސަދަކަށްވާނީ އަޅުގަނޑުމެންނަށް ސަރުކާރު ލިބިއްޖެނަމަ، މި ފައިސާ ރިކަލެކްޓް ކުރުން. ރިކަވާ ކުރުން،" ޔާމީން ވިދާޅުވެފައިވެއެވެ.
ޔާމީންގެ ވާހަކަތަކާ ގުޅިގެން ރިޔާޒު މިއަދު ވިދާޅުވީ، އެމްއެމްޕީއާރްސީ ހިޔާނަތާކީ ޔާމީންގެ ފުރިހަމަ ބައިވެރިވުމާއެކު އެއިރު މުޅި ދައުލަތް ގުޅިގެން ހިންގި ހިޔާނާތެއް ކަމަށެވެ. އެހެންކަމުން އެ ސަބަބަޓަކައި ވެސް ޔާމީނަށް ދެވަނަ ދައުރެއް ދީގެން ނުވާނެ ކަމަށެވެ.
"އެމްއެމްޕީއާސީ ހިޔާނާތް ހިންގާފަވަނީ ރައީސް ޔާމީނުގެ ވެރިކަމުގަ އެމަނިކުފާނުގެ ބައިވެރިވުމާއެކު މުޅި ދައުލަތް ބޭނުންކޮށްގެން. މިސަބަބަށްޓަކައި އެކަނިވެސް ދެވަނަ ދައުރެއް ރައީސް ޔާމިނަށް ދޭންނުޖެހޭ!" ރިޔާޒު ވިދާޅުވިއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީ ހިޔާނާތް ހިނގައިދިޔަކަން އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެ ހިޔާނާތުގައި ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އެމައްސަލަ އެމަނިކުފާނުގެ ސަމާލުކަމަށް ގެންނެވީ އެއިރުގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް ކަމަށާއި އެވަގުތުން ފެށިގެން މައްސަލަތައް ތަހުގީގުކުރަން ފެށި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.