އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާ އިދިކޮޅަށް ދެން ނާރުއްވާނެ ކަމަށް އެމްޑީޕީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕަށް މިއަދު ނަޝީދު ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، ފައްޔާޒްއާ އިދިކޮޅަށް ދެން ނާރުއްވާނެ ކަމަށެވެ. އަދި ކުރިން ފައްޔާޒާ އިދިކޮޅަށް މަސައްކަތް ކުރެއްވުމަކީ ކުރެއްވުނު ގޯސްކަމެއް ކަމަށެވެ.

"އަޅުގަނޑު ދެނެއް ފަޔާ އާއި އިދިކޮޅަށް ނާރާނަން. އެއް ފަހަރު ހުސެއިން (ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޝަހީމް) އަޅުގަނޑު ލައްވާ އެކަންކުރުވި." ނަޝީދު ވިދާޅުވިއެވެ.

ފައްޔާޒުއާ އިދިކޮޅަށް ދެން މަސައްކަތް ނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވަނީ، ގްރޫޕު ތެރޭގައި އަނދުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އަނދުން ވިދާޅުވީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ކޮންގްރެސްގައި އިސްކޮށް އުޅުއްވާތީ ކަންބޮޑުވާ ކަމަށެވެ.

ނަޝީދު ވަނީ އިއްޔެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ބަދަލުކުރަން އެމްޑީޕީ ކޮންގްރެސްއަށް ހުށަހަޅައި ބަރުލަމާނީ ކެމްޕޭނުގެ މެނޭޖަރަކަށް އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގައި ފައްޔާޒްގެ ކެމްޕޭން މެނޭޖަރަކަށް ހުންނެވި އިބްރާ ހަމަޖައްސަވައިފައެވެ.

އިބްރޭއާ ގުޅޭގޮތުން އަނދުން ވިދާޅުވީ، ކޮންގްރެސްއަށް ހުށަހަޅާ މައްސަލަތަކުގައި އެ މައްސަލައިގެ ކެމްޕޭނު މެނޭޖަރަކަށް ހުންނަވާ ބޭފުޅަކު ހަވާލުވެވަޑައިގެން ހުންނެވުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ. ނަމަވެސް ފައްޔާޒާއި ގައުމީ މަޖިލީހުގެ އެކަމުގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ބުރަވެވަޑައިގަތީ އިބްރޭ ކޮންގްރެސްގެ އިންތިޒާމްތަކުގައި އިސްކޮށް އުޅުއްވުމުގައި މައްސަލައެއް ނެތް ކަމަށެވެ.

ފައްޔާޒާ އިދިކޮޅަށް ދެން މަސައްކަތް ނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއިރު، އެ މަނިކުފާނު ވަނީ ފައްޔާޒާ ގުޅޭ ގޮތުން ވަރަށް ބޮޑެތި ތުހުމަތުތައް މީގެ ކުރިން ކުރައްވައިފައެވެ. އެގޮތުން ފައްޔާޒު އެމްޑީޕީގެ ތެރޭގައި "ބްރޯ" ހެދިގެން އުޅުއްވާކަމަށް ނަޝީދު ވަނީ ވިދާޅުވެފައިއެވެ. އަދި ފައްޔާޒު މިނިސްޓަރުގެ މަގާމުން ވަކިކުރަން ނަޝީދު ވަނީ އިސްވެ މެމްބަރުންގެ ސޮއި ހަމަކުރަން މަސައްކަތް ކުރައްވައިފައެވެ.

މެމްބަރު ޝަހީމް ވިދާޅުވެގެން ފައްޔާޒާ ދެކޮޅަށް މަސައްކަތްކުރެއްވި ކަމަށް ނަޝީދު ވިދާޅުވިއިރު، ނިމިދިޔަ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އަނދުން ތާއިދު ކުރެއްވީ ފައްޔާޒަށެވެ. ފައްޔާޒު އެ އިންތިހާބުގައި ވާދަކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތާއިދާއެކުއެވެ. ނަޝީދުގެ ތާއީދާއެކު އެ އިންތިހާބުގައި ވާދަކުރެއްވީ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

އެ އިންތިހާބުގައި އިންތިގެ ޓީމުން ވަނީ ފައްޔާޒާ ގުޅުވައި ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުކޮށްފައެވެ. އަދި ނަޝީދު އެމްޑީޕީން ބޭރުކުރަން ފައްޔާޒު މަސައްކަތްކުރާ ކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފައެވެ. ނަމަވެސް ފައްޔާޒު ވަނީ އެ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައިފައެވެ.

ނަޝީދުގެ އިސްނެންގެވުމަށް 2011 ވަނަ އަހަރުގައި ސޮއިކުރެވެނު ފްލޯޓިން ސިޓީ މަޝްރޫއާ މައްސަލައިގެ ވެސް ނަޝީދު އާއި ފައްޔާޒާ ދެމެދު ވަނީ ހޫނު ބަހުސްތަކެއް ކުރައްވައިފައެވެ. ޖޫން މަހުގެ 22 ވަނަ ދުވަހު އެމްޑީޕީގެ ވަޓްސްއެފް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވެފައިވަނީ، ފްލޯޓިން ސިޓީގެ މަސައްކަތް މިހާރު ހުއްޓިފައިވާ ކަމަށާއި އެ މަސައްކަތް ހުއްޓުވީ އެމަނިކުފާނުގެ ބައިވެރިވުން އެ ޕްރޮޖެކްޓުގައި އޮތުމުން ކަމަށެވެ.

ނަޝީދުގެ އެ ވާހަކަތަކައް ރައްދު ދެއްވައި އިކޮނޮމިކް ކައުންސިލްގައި ވެސް ހުންނަވާ ފައްޔާޒު ވިދާޅުވެފައި ވަނީ، ފްލޯޓިން ސިޓީގެ މަޝްރޫއަކީ ބޮޑު ކޮރަޕްޝަނެއް ކަމަށެވެ. އަދި ފްލޯޓިން ސިޓީގެ މަޝްރޫއު ކުރިއަށްގެންދާ ޑަޗް ޑޮކްލެންޑްސް އިން ބޭނުންވާ ގާނޫނާހިލާފަށް ފަޅުތައް ހޯދަން ކަމަށާއި ފްލޯޓިން ސިޓީ ހެދުމަށް ދިން ބައެއް ފަޅުތަކުގައި އެ ކުންފުނިން ރިސޯޓު ހަދާފައިވާ ކަމަށެވެ.