ރާއްޖޭގައި ދޫކުރާ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުންކުރެވޭ އެއްބަސްވުމެއްގައި ސޮއިކުރައްވައިފި އެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އެވެ. މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. ވީކާ ސިއޮންގް އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ދާދި ދެންމެ ބުނި ގޮތުގައި މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިޔާތު އޮތީ، މެލޭޝިއާގެ ޓްރާންސްޕޯޓު މިނިސްޓަރުގެ އޮފީހުގައި މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
މެލޭޝިއާގައި ހުންނަވައިގެން "ވަން" އަށް" ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ، މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ އަދި ޒިޔާރަތްކުރާ ގައުމަކަށްވާއިރު، މި އެއްބަސްވުމުގެ ސަބަބުން ދިވެހީންނަށް ވަރަށް ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން މެލޭޝިއާގަ ވަރަށް ގިނަ އަދަދެއްގެ ދިވެހި ކިޔަވާކުދީންގެ އިތުރުން އިތުރު މީހުންވެސް އެބަ ދިރިއުޅޭ. މިއީ ދިވެހީން އެންމެ ގިނަ އަދަދަކަށް ދަތުރުކުރާ އެއްގައުމު. މި ތަނުގަ އުޅޭ ވަރަށް ގިނަ ދިވެހީން އަމިއްލަ ވެހިކަލްވެސް ގެންގުޅޭ. އެހެންވީމަ ރާއްޖޭގަ އަޅުގަނޑުމެން މި ދޫކުރާ ލައިސަންސް ބޭނުންކުރެވޭ ގޮތްވީމަ ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ. ދުއްވަން އެނގޭ ރާއްޖޭގެ ލައިސަންސް އޮންނަ ދިވެހީންނަށް ސައިކަލު އަދި ކާރުގަވެސް އަމިއްލަޔަށް ދުއްވާފަ ދަތުރުކޮށްލެވޭނެ." ނަހުލާ ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖެއަކީ ގިނަ އަދަދަކަށް މެލޭޝިއާގެ ރައްޔިތުންވެސް ދިރިއުޅޭ ގައުމަކަށްވާއިރު، މިއީ އެ ގައުމުގެ ރައްޔިތުންނަށް ވެސް ލިބިގެން ދިޔަ ހިތްހަމަޖެހުމަކާއި ފަސޭހައެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން މެލޭޝިއާ ލައިސަންސް ވެސް ރާއްޖޭގައި ބޭނުންކުރެވޭނެ ކަމަށާއި އަދި މި ކަމުން ދައްކައިދެނީ ދެގައުމުގެ ދެމެދުގައި އޮތް އިތުބަރާއި ބަދަހި ގުޅުން ކަން ވެސް ފާހަގަކުރެއްވިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ރާއްޖޭގައި ދޫކުރާ އިންޖީނުލީ އެއްގަމު އުޅަނދުގެ ހުރިހާ ލައިސަންސެއްވެސް މި އެއްބަސްވުމުގެ ދަށުން ބޭނުންކުރެވޭނެ ކަމަށެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފަށާނީ ސޮއިކުރާ ތާރީހުން ފެށިގެން 30 ދުވަސް ފަހުންނެވެ.
ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުންކުރެވޭ ގޮތް ހެދުމަށް މަޝްވަރާ ކުރެއްވީ، ނިއުޔޯކުގައި މިދިޔަ މަހު ކުރިޔަށް ދިޔަ ގްލޯބަލް ރޯޑް ސޭފްޓީ ހައި-ލެވެލް ބައްދަލުވުމުގެ ހަވާސާގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. ވީކާ ސިއޮންގް އާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ