ވ. އާރަށު މައްސަލައިގައި ނުފޫޒެއް ނުފޯރުވާނެ ކަމަށާއި އެމަނިކުފާނަކީ ނުފޫޒު ފޯރުވާނެ ބޭފުޅެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާއެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ.
އާރަށު މައްސަލައިގައި ހެކިބަސް ދޭން ތިބި މީހުންނަށް ރައީސް ޔާމީން ބިރުދައްކައި ނުފޫޒު ފޯރުވާ ކަމަށް ބުނެ, މޯލްޑިވްސް ލީގަލް ބިއުރޯ އިން ވަނީ އެކަމުގައި އަވަސް ފިޔަވަޅެއް އަޅައިދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އިއްޔެ ސިޓީއެއް ފޮނުވައިފައެވެ.
މ. ދިމްޔާތު މީޓިން ރޫމްގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ނުފޫޒު ފޯރުވަންވީ ސަބަބެއް ނެތް ކަމަށާއި އެމަނިކުފާނު ނުފޫޒު ފޯރުވާ ކަމަށްވަންޏާ ބައެއްގެ އަތުގައި ހެކި ހުންނަންވާނެ ކަމަށެވެ.
"ނުފޫޒު ފޯރުވާ ކަމަށްވަންޏާ އަޅުގަނޑަށް އެނގޭ އެ ކުރެވެނީ ގާނޫނީ ކުށެއްކަން. އެހެންވީމާ އާރަށު މައްސަލައިގެ ހުކުމުގެ އައުޓްކަމަށް މަޑުކުރުމުގެ ކުރިން ކީއްކުރަންތޯ އެ ތުހުމަތު އަޅުގަނޑުގެ ބޮލުގައި އެޅިގެން އަޅުގަނޑުގެ މައްޗަށް ހުކުމެއް އަންނަން އަޅުގަނޑު ބޭނުންވާނެތޯ. ދިވެހިރާއްޖޭގައި މި ދެކެވޭ ހުރިހާ ވާހަކައަކީ އެއްގޮތަކަށް ވެސް އޭގެ ޒާތުގައި އެއީ ހަގީގީ ވާހަކައެއް ނޫން. އެ ހުންނަނީ ވަރަށް ސިޔާސީ ވާހަކަ. ސިޔާސީ ވާހަކަ ދައްކާފައި ޖަވާބުދާރީއެއް ނުވާނެ ދެއްތޯ, ވާހަކަދެއްކުމުގެ މިނިވަންކަން އެބައޮތް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެއްވެސް ހެއްކެއް ދެއްކެން އޮތް ނަމަ، އެކަމެއް ތަހުގީގަށް ހުށަހަޅާނެ ކަމަށާއި އެމަނިކުފާނަކީ ހެއްކަކަށް ނުފޫޒު ފޯރުވަން ޖެހޭ ހާލަތެއްގައި ހުންނެވި ބޭފުޅެއް ނޫން ކަމަށެވެ. އަދި އެކަމާ އެމަނިކުފާނު ކުރިމަތިލައްވާނީ ވަރަށް ކެރިގެން ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު