ޚަބަރު

އައިޖީއެމްއެޗުގެ ކެންސަރު ޑިޕާޓުމަންޓު ފަޅާލައި އިތުރު ވައްކަމެއް

ރިފާ ހަލީލު

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ އޮންކޮލޮޖީ ނުވަތަ ކެންސަރު ޑިޕާޓުމަންޓު ފަޅާލައި އެތަނުން ވައްކަންކޮށްފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރު "ވަން"އަށް މިއަދު ވިދާޅުވީ އެ ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާޓުމަންޓު ފަޅާލައި ވައްކަން ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ވައްކަން ކުރީ ކޮން އިރަކު ކަމެއް ނޭނގޭ ކަމަށެވެ. ނަމަވެސް ވައްކަން ކޮށްފައި ހުރިކަން އެނގުނީ މިއަދު ކަމަށް ވިދާޅުވިއެވެ.

މިދިޔަ އީދު ބަންދު ތެރޭގައިވެސް އެ ޑިޕާޓުމަންޓު ފަޅާލައި ވަނީ ވައްކަން ކޮށްފައެވެ. އެ ފަހަރުވެސް ޑޮކްޓަރުންގެ އަގުބޮޑު ތަކެތި ވަނީ ގެންގޮސްފައެެވެ.

އައިޖީއެމްއެޗުގެ ކެންސަރު ޑިޕާޓުމަންޓު ފަޅާލައި ވަގަށް ނެގީ ކެންސަރަށް ފަރުވާ ދިނުމަށް ބޭނުން ކުރާ ބޭސްތަކެެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ. މިކަމާ އޮފިސަރާ ސުވާލު ކުރުމުން އެކަން ދޮގެއް ނުކުރެއެވެ. އެކަމާ އޭނާ ވިދާޅުވީ ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރަށް ތަކުރާރުކޮށް ގުޅުމުން ފޯނަށް ޖަވާބު ދީފައިނުވާތީ މެސެޖު ކުރުމުންވެސް މިހާތަނަށް ޖަވާބު ލިބިފައެއް ނުވެއެވެ.

އައިޖީއެމްއެޗަކީ 24 ގަޑިއިރު ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުން އަންނަ ހޮސްޕިޓަލެކެވެ.