Close
ޚަބަރު

ކޯލިޝަން ސަރުކާރު ގަޑުބަޑުވާ ކަމަށް ވިދާޅުވެ، އެންމެ ގިނަ ވޯޓު ލިބޭ މީހަކު ވެރިކަމަށް އަންނަގޮތަށް އިސްލާހެއް

އިބްރާހިމް ޒަކީ

ކޯލިޝަން ވެރިކަމުގެ ސަބަބުން ސަރުކާރު ގަޑުބަޑުވާ ކަމަށް ވިދާޅުވެ، އެންމެ ގިނަ ވޯޓު ލިބޭ މީހަކު ވެރިކަމަށް އަންނަގޮތަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޕާޓީގެ ކޮންގްރެސްއަށް އިސްލާހު ހުށަހަޅުއްވައިފިއެވެ.

މިމަހު 19 ގައި ފެށުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ، ގާނޫނުއަސާސީން ދިވެހި ދައުލަތުގެ ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް ކަނޑައަޅާފައިވާ ގޮތުން، ކޯލިޝަނާ ނުލައި އެއް ޕާޓީއަކުން އިންތިހާބު ކާމިޔާބުކޮށް، މުތުލަގު ބާރުތަކަކާއެކު އެ ޕާޓީން ސަރުކާރު ހިންގުމަށް އާދެވުމަކީ ނާދިރުކަމެއް ކަމަށެވެ.

އެހެންކަމުން ސަރުކާރުގެ އެންމެ އިސް ފަރާތް (ރައީސުލްޖުމްހޫރިއްޔާ) ހޮވުމަށް ބާއްވާ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި، އެމްޑީޕީން އެހެން ޕާޓީތަކާ އެކު އިއްތިހާދުވުމުން، ސަރުކާރު ހިންގުން ގަޑުބަޑުވެ، އެ ޕާޓީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިނުދެވި، ސަރުކާރާ މެދު ޕާޓީގެ އާންމު މެންބަރުންގެ އިތުބާރު ކުޑަވަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

ފެހި ގާނޫނުއަަސާސީ ފާސްކޮށް ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރެޓިކް ނިޒާމު 2008 ވަނަ އަހަރު ރާއްޖެއަށް ތައާރަފުވެގެން މިހާތަނަށް އައިއިރު އެއްްވެސް ރިޔާސީ އިންތިހާބެއް ކޯލިޝަނާ ނުލައި އެއްވެސް ޕާޓީއަކަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އެންމެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަމުގެ ގޮތުގައި ރައީސް ނަޝީދު ރާއްޖޭގެ ވެރިކަމަށް ވަަޑައިގެންނެވީ އެމްޑީޕީން އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެންނެވެ. އޭގެ ފަހުން ޕީޕީއެމް ވެރިކަމަށް އައީވެސް ކޯލީޝަނަކުންނެވެ. ދެވަނަ ފަހަރަށް އެމްޑީޕީ ވެރިކަމަށް އައިސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ސަރުކާރު ހިންގަވަނީވެސް އެހެން ޕާޓީތައް ހިމެނޭ ކޯލީޝަނަކުންނެވެ.

އެހެންކަމުން ބޮޑުވަޒީރެއް ހުރެގެން ރައްޔިތުންގެ މަޖިލީހުން ސަރުކާރު ހިންގާގޮތަށް، ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށްޓަކައި ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައީސް ނަޝީދު ވަނީ ހުށަހަޅުއްވަފައެވެ.

އެގޮތުން ސަރުކާރުގެ އެންމެ އިސް ވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިހާބު ކުރާ ބޮޑުވަޒީރު ކަމުގައި ކަނޑައެޅުމަށާއި، ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައެޅުމަށެވެ. ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ އިންތިހާބުގެ ވޯޓުގައި އެންމެ ގިނަ ވޯޓު ލިބޭ މީހާ ކަމުގައި ކަނޑައެޅުމަށްވެސް ހިމަނާފައިވެއެވެ. މިހާރު އޮންނަ ގޮތުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ވޯޓުލާ މީހުންގެ 50 ޕަސެންޓަށްވުރެ ގިނައިން ވޯޓު ހޯދައިގެންނެވެ. އެ އަދަދަށް ވޯޓު ނުލިބިއްޖެނަމަ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހެއެވެ.

ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ބާރުތަކާއި، ބޮޑުވަޒީރަކު ސަރުކާރު ހިންގާ އިރު، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތަކާއި، އަދާކުރަންޖެހޭ މައްސޫލިއްޔަތުތައް ކަނޑައެޅުމަށްވެސް ރައީސް ނަޝީދު ވަނީ ހުށަހަޅުއްވައިފައެވެ.

ރައީސް ނަޝީދުގެ އިސްލާހުގައި ވަނީ ސަރުކާރު ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެކުލަވައިލެވޭ ވަޒީރުންގެ މަޖިލީހަކުން ކަމަށް ކަނޑައަޅަން ހުށަހަޅުއްވައިފައެވެ. މިހާރު އަމަލުކުރަމުންދާ ވެރިކަމުުގެ ނިޒާމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮންނަން ޖެހުުނު ނަމަވެސް ވަޒީރުންގެ މަޖިލިސް އެކުލަވާލުމުގެ ބާރު ލިބިދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ސުޕްރީމް ކޯޓުގެ ބެންޗު މިހާރު ހިމެނޭ ހަތް ފަނޑިޔާރުނުްގެ ބަދަލުގައި ފަސް ފަނޑިޔާރުންނަށް މަދުކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 87 އަށްވުރެ އިތުރުނުކުރުމަށްވެސް ރައީސް ނަޝީދު އިސްލާހު ހުށަހަޅުއްވާފައިވެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ރައްޔިތުންގެ މަޖިލީހުން ސަރުކާރު ހިންގާގޮތަށް، ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމު ކަމަށް އެ ވޯޓުން ފާސްވެއްޖެނަމަ، ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރުގައިވާ ހުރިހާ އިސްލާހުތަކެއް ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ގެންނަން އެމްޑީޕީން އިގުރާރުވާ ކަމަށް ވަނީ ހިމަނައިފައެވެ.